ޕާތު ވަނީ މިހާރު ނޯޓިސް ވެސް ދީފަ އެވެ. އެގޮތުން އޭނާ ޝޫޓިންގައި ބައިވެރިވާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ނުވަތަ 11 އެވެ. ގިނަ ބަޔަކު ވަނީ ޕްރެނާ އާއި އަނުރާގްގެ ރޯލަށް އެރިކާ އާއި ޕާތު ބަލައިގެންފަ އެވެ. އެ ޖޯޑަށް ވަރަށް ތައުރީފް ވެސް ކުރެ އެވެ.
ޕާތު ޝޯ ދޫކޮށްލަން ނިންމީ އެ ޝޯގެ ވާހަކައަށް ގެނައި ބަދަލުތަކާއި މެދު އެހާ ހިތްހަމަނުޖެހޭތީ އެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް ޝޯގައި ފޯކަސްކޮށްފައި ވަނީ ޕްރެނާ އާއި ބަޖާޖުގެ ބަޔަށެވެ.
މީގެ ކުރިން އެންމެ ބޮޑަށް ދައްކުވައިދިނީ އަނުރާގް އާއި ޕްރެނާގެ ދިރިއުޅުމެވެ. އަދި މިހާރު ލިބޭ މުސާރައަށް އުމުރުން 10 އަހަރުގެ ކުއްޖެއްގެ ބައްޕަގެ ރޯލު ކުޅެން ވެސް ޕާތު އެހާ ހިތްހަމަނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެހެންވެ، ގިނަ ބަޔަކު އަންނަނީ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" އިން އަނުރަވް ސިންގް ރައިޒާދާގެ ރޯލުން މަގުބޫލުވި ބަރުން އަނުރާގުގެ ރޯލަށް ނެގުމަށް އެދެމުންނެވެ.
އެ ޝޯގައި ބަރުން ވަނީ ވަރަށް މޮޅު އެކްޓިންއެއް ދައްކުވައިދީފައި ކަމަށާއި އަނުރާގްގެ ރޯލް އާއި އަރްނަވްގެ ރޯލު ވެސް ދާދި އެއްގޮތް ކަމުން، ބަރުން ނަގައިދޭން ސަޕޯޓަރުން ދަނީ އާދޭސްކުރަމުންނެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫހަކުން ވަނީ އެ ރޯލަށް ކަމުދަނީ ބަރުންތޯ ނުވަތަ ކަރަން ވާހީތޯ ނުވަތަ ރިތްވިކް ދަންޖާނީތޯ ބެލުމަށް ޕޮލްއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
އެ ވޯޓުގައި ބައިވެރިވި 52 އިންސައްތަ މީހުން ނަގަން ބޭނުންވީ ބަރުންނެވެ. އަދި ކަރަން ވާހީ ނެގުމަށް 28 އިންސައްތަ މީހުން ވޯޓުލީ އިރު ރިތްވިކް ނަގަން ވޯޓު ދިނީ 11 އިންސައްތަ މީހުންނެވެ. އެކަމަކު ބަރުން އެކޭ އެއްގޮތަށް ކަރަން އާއި ރިތްވިކަކީ ވެސް މަގްބޫލު ދެ ތަރިންނެވެ.
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ފުރަތަމަ ބައި ދައްކާފައިވަނީ 2001 ވަނަ އަހަރުއެވެ. އެ ޝޯއިން ލީޑު ރޯލު ކަމަށްވާ ޕްރެނާގެ ރޯލުން ފެނިގެންދިޔައީ ޝުވެތާ ތިވާރީއެވެ. އަދި ކޮމޮލިކާގެ ރޯލުން އުރްވަޝީ ދޮލާކިއާ ފެނުނުއިރު އަނުރާގްގެ ރޯލުން ފެނިގެންދިޔައީ ސުޒޭން ހާނެވެ.