ads
ޔޫއެން ވިމެން އާއި ޔޫއެންއޯޑީސީ އަދި އިންޓަޕޯލް ގުޅިގެން ބޭއްވި ވެބިނާގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީނިއާ އަންހެން މުވައްޒަފުން----
ޔޫއެން ވިމެން ވެބިނާގައި ރާއްޖޭގެ އަންހެން ފުލުހުން ބައިވެރިވެއްޖެ
ޔޫއެން ވިމެން އާއި ޔޫއެންއޯޑީސީ އަދި އިންޓަޕޯލް ގުޅިގެން ބޭއްވި ވެބިނާގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީނިއާ އަންހެން މުވައްޒަފުންތަކެއް މިއަދު ބައިވެރިއްޖެއެވެ.

އެ ވެބިނާއަކީ ލޯ އެންފޯސްމަންޓް ދާއިރާގައި މަސައްކަތްކުރާ އަންހެނުންނާގުޅޭ ގޮތުން ޔޫއެން ވިމެން އާއި ޔޫއެންއޯޑީސީ އަދި އިންޓަޕޯލް ގުޅިގެން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓު ލޯންޗުކުރުމާ އަދި އެ ރިޕޯޓުގެ އަލީގައި ފާހަގަކުރެވިފައިވާ މުހިއްމު މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.  

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ މިއަދު ހެނދުނު 08:00 އިން 09:15 އަށް، ބެންކޮކްގެ އެފްސީސީޓީ ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ މި ވެބިނާގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިޝަންޑް އަންހެން އޮފިސަރުންނާއި ސިވިލް އޮފިސަރުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.

އޭޝިއާ ގައުމުތަކުގެ ތެރޭ ހިމެނޭ 184 ގައުމެއް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ރިސާޗް ރިޕޯޓުގައި ލޯ އެންފޯސްމަންޓް ދާއިރާއިން އަންހެނުން ކުރިއަށް ދިއުމަށް ދިމާވާ ހުރަސްތައް ދެނެގަތުމުގެ ގޮތުން ދިރާސާގައި ބައިވެރިވި ގައުމުތަކުގައި މިހާރު އަމަލުކުރެވޭ ބައެއް އުސޫލުތަކަށް ބަލާލާފައިވެއެވެ. 

އެގޮތުން އެދާއިރާއަށް އަންހެނުން ރެކްރޫޓްކުރުމުގައާއި އަދި ވަޒީފާގެ ތެރެއިން މަސްއޫލިއްޔަތުތައް ހަވާލުކުރެވޭ ގޮތާއި ތައުލީމާއި ތަމްރީނުތަކަށް ފުރުސަތުތައް އޮންނަ މިންވަރާއި ޕްރޮމޯޝަން ދިނުމުގައި އޮންނަ އުސޫލުތައް ދިރާސާކޮށްފައިވެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އޭޝިއަން ގައުމުތަކުގެ ލޯ އެންފޯސްމަންޓް ދާއިރާގައި އަންހެނުންގެ ނިސްބަތް އަދިވެސް ހުރީ ހަ ޕަސެންޓާއި 20 ޕަސަންޓުގައި ކަމުން މިދާއިރާގައި އަންހެނުންނަށް ކުރިއަށް ދިއުމަށް މަގުފަހިކުރުމަށް ގޮވާލާފައިވެއެވެ. 

އަދި އަންހެނުން ކުރިއަށް ދިއުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް ރެކަމެންޑޭޝަންތަކެއްވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ވަޒީފާގެ މާހައުލުގައި ދިމާވާ ދަތިތަކާއި ފުރައްސާރަތައް ބެލޭނެ ވަކި އިންތިޒާމު ތަކެއް ހަމަޖެއްސުމާއި، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފޯރުކޮށްދިނުމާއި އިންސާފުވެރިކަމާއެކު ހުރިހާ ދާއިރާއަކުންވެސް މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލާފައިވެއެވެ.

މި ވެބިނާގައި ބައިވެރިވި ދިވެހި އަންހެން އޮފިސަރުން ފާހަގަކުރި ގޮތުގައި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް މިވެބިނާއިން ލިބިގެންދިޔައެވެ.

އަދި އެ ދާއިރާގައި އެހެން ގައުމުތަކުގައިވެސް ހުރީ އެއްކަހަލަ ގޮންޖެހުންތަކެއްކަން އެނގިގެން ހިނގައްޖެ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓްރެޓެޖީކް ޕްލޭންގައި ހިމެނިގެން ކުރިއަށް ގެންދާ ވިމެން އެމްޕަވާމަންޓް ޕްރޮޖެކްޓަށްވެސް ވަރަށް ބޭނުންތެރި މުހިއްމު މައުލޫމާތުތަކެއް ލިބިގެން ދިޔަ ވެބިނާ އެއްކަމަށް ބުނެފައިވެއެވެ. 

މިވެބިނާ ޗެއާ ކޮށްދެއްވީ ޔޫއެންއޯޑީސީގެ ރީޖަނަލް ރެޕްރެޒެންޓެޓިވް، ޖެރެމީ ޑޯގްލަސް އަދި ޔޫއެން ވިމެން ރީޖަނަލް ޑިރެކްޓަރު މުހައްމަދު ނަކިރިއާއި، އިންޓަޕޯލްގެ އެކްޓިން ޑިރެކްޓަރު، ކެޕޭސިޓީ ބިލްޑިން އެންޑް ޓްރޭނިން ޑައިރެކްޓަރޭޓް، ޖޯޖް ފައިންސްޓިން ޑެ ގަސްޓްރެލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް