ads
އަމީރު އަހުމަދު ސްކޫލު--
އަމީރު އަހްމަދުގެ ޓީޗަރުންގެ މުސާރައާ ގުޅިގެން ދައްކަނީ ދޮގު ވާހަކަތަކެއް: އައިލެންޑާސް
އަމީރު އަހުމަދު ޕްރީސްކޫލުގެ މުވައްޒަފުންގެ މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވެގެން އުޅެނީ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކަމަށާއި އެކަމާ ގުޅޭގޮތުން ދައްކަނީ ދޮގުވާހަކަ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުނެފި އެވެ.

އެ ސްކޫލު ހިންގަމުން އަންނަ އައިލެންޑާސް އިން "ސީއެންއެމް" އަށް ބުނި ގޮތުގައި އޮޅުވާލައިގެން އަމީރު އަހުމަދު ޕްރީސްކޫލުގެ މުއައްޒަފުންގެ މުސާރަ އެ ކުންފުނިން އުނިކޮށްފައި ނުވާނެކަމަށާއި އަދި ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާނީ ކަން ހިނގާފައިވާގޮތަށް ނޫން ކަމަށެވެ.

ބޭސިކް ޕޭއަށް ގެނައި ބަދަލު މެމޯއެއްގެ ޒަރިއްޔާއިން ވަނީ ހުރިހާ މުވައްޒަފުންނާއި ހިއްސާކޮށްފައި ކަމަށާއި އެ ބަދަލުގެ ނިޔަތަކީ މިހާރު ގައުމަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއާއި ގުޅިގެން އެޅޭ ވަގުތީ ފިޔަވަޅެއް ކަން ބަޔާން ކުރެވިފައިވާނެ ކަމަށެވެ. އަދި މުސާރައަށް ގެނައި ބަދަލަށް އެއްވެސް މުވައްޒަފަކު އިއުތިރާޒް ކުރާ ނަމަ އެކަން 17 މޭ ގެ 12:00 ގެ ކުރިން އެންގުމަށް ވެސް އެދުނު ކަމަށް އައިލެންޑާސްއިން ބުނެވެ. 

"14 މެއި 2020 ގައި ބޭސިކް ޕޭއަށް މި ގެނައި ބަދަލަށް އެއްވެސް މުވައްޒަފަކު އިއުތިރާޒް ކުރައްވާނަމަ އެކަން 17 މެއި 2020ގެ 12:00 ގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެދިފައިވީ ނަމަވެސް، ސުންގަޑި ހަމަވިއިރުވެސް އެއްވެސް މުވައްޒަފު އީމެއިލް ފޮނުވާފައެއް ނުވެއެވެ. އެހެންކަމުން، މި ބަދަލު ހުރިހާ މުވައްޒަފުންނަށް ތަންފީޒު ކުރަން ފެށުން،"

އޭގެ އިތުރުން، އައިލެންޑާސް އިން ބުނީ ޒޫމް މެދުވެރިކޮށް އަމީރު އަހްމަދުގެ ސްޓާފުންނާއި ބައްދަލުކޮށް މުސާރަ ދިނުމަށް ހުރި ދަތިތަތައް ކުންފުނީގެ ބޯޑުގެ ފަރާތުން މުވައްޒަފުންނާއި ހިއްސާ ކުރެވުނު ކަމަށާއި އަދި މިވަގުތަށް ފުރިހަމަ މުސާރަ ދެވެންނެތް ވާހަކަ ވެސް ބުނެފައިވާ ކަމަށެވެ. 

އަދި އެ ބައްދަލުވުމުގައި މުވައްޒަފުންގެ ކަންބޮޑުވުންތައް ހިއްސާކުރަން ހުޅުވާލެވުން މުވައްޒަފުން ވަނީ ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަންނަން އެހީވާނެކަމަށް ބުނެފައި ކަމަށެވެ.  

އެކަމަކު، ތިން މަސް ފަހުން މުވައްޒަފުން ވަނީ ޓީޗަރުންނަށް މުސާރާއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ކަމަށާއި އެގޮތުން މުސާރައިގެ ބާކީ ދެވޭނެ ދުވަހަކާއި ހަމަ މުސާރަ ދޭން ފަށާނެ ދުވަހެއް އަންގައިދިނުމަށް އެދިފައިވާ ކަމަށެވެ. އެއާއެކު ޒޫމް މީޓިނެއްގައި ޓީޗަރުންނާއި ބައްދަލުކޮށް ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ސީދާ ތާރީހެއް ބުނަން ދަތިކަން އަންގާފައި ކަމަށެވެ. 

"ތާރީހެއް ދަންނަވަން ދަތިވާ ސަބަބަކީ، ކޯވިޑް-19ގެ ހާލަތު ދިގުލައިގެންގޮސް، ކުންފުނީގެ މާލީ ހާލަތު އިތުރަށް ހީނަރުވެފައިވާތީ ކަމަށްވެސް ދެންނެވިއެވެ. އަދި ހުރިހާ ޓީޗަރުންނަށް ކުންފުނި ތަހައްމަލު ކުރަމުންދާ މާލީ ގޮންޖެހުންތައް ސާފުވާނެ ގޮތަށް ޕަވާ ޕޮއިންޓް ޕްރެޒެންޓޭޝަންއެވެސް އެރުވި،"

އައިލެންޑާސް އިން އިތުރަށް ބުނީ ދިމާވެފައިވާ މުސާރާއިގެ މައްސަލަތައް ވަރަށް އަވަހަށް ހައްލު ކުރުމަށް މަސައްކަތް ކުރާކަރަމުން އަންނަ ކަމަށެވެ. އެގޮތުން ބާކީ ހުރި ހުރިހާ މުސާރައިން އެއްވެސް މިންވަރެއް އުނި ނުވާނެ ގޮތަށްދީ ހަލާސް ކުރެވޭނެ ގޮތުގެ ތަފްސީލް ޓީޗަރުންނާއި ހިއްސާކޮށްފައިވާއިރު އެކަމުގެ ތަފްސީލު ޓީޗަރުން އެނގެން ބޭނުންވާތީ މިހާރު ކުރިއަށް ދަނީ އެ މަސައްކަތް ކަމަށް ވެސް އައިލެންޑާސް އިން ބުނެ އެވެ.

އަދި މާލީ ހީނަރުކަމާއި އެކުގައިވެސް ކުންފުނިން މަސައްކަތް ކުރަމުންދަނީ މުވައްޒަފުންނަށް ފުރިހަމަ މުސާރަދޭނެ ގޮތަކަށް އެއްބަސް ވުމަކަށް އައުމަށް ކަމަށާއި އެގޮތުން އައިލެންޑާސް އެޑިއުކޭޝަންގެ ބެލެނިވެރި ކުންފުނި ކަމަށްވާ އައިލެންޑާސް ގްރޫޕުން އެކި ބާވަތުގެ ވިޔަފާރި ކުރާތާ 40 އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، މީގެކުރިން ދުވަހަކުވެސް މުވައްޒަފުންނަށް ހަމަ މުސާރަ ނުދެވި، ލަސްވެފައި ނުވާނެކަން ވެސް ކުންފުނިން ފާހަގަކުރެ އެވެ. 

އޭގެ އިތުރުން އައިލެންޑާސް އިން ބުނީ ކޮވިޑްގެ ހާލަތު ދިގުލައިގެންގޮސް، ކުންފުނީގެ މާލީ ހާލަތު އިތުރަށް ހީނަރުވުމުގެ ސަބަބުން، އިންޓަނޭޝަނަން ސްކޫލްތަކުގެ މުދައްރިސުންނަށް ހަމަ މުސާރަ މިހާތަނަށް ދެވިފައިވަނީ ބައެއް މުވައްޒަފުން ޕާޓް ޓައިމްއަށް ބަދަލުކޮށް ނުވަތަ ނޯޕޭ ލިވްއަށް ފޮނުވާލައިގެން ކަމަށެވެ.

އެހެންކަމުން، މުސާރަ ދިނުމުގައި އަމީރު އަހްމަދު ސްކޫލާއި އެހެނިހެން ސްކޫލްތަކާއި ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ބުނާ ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އަމީރު އަހުމަދު ޕްރީ ސްކޫލްއަކީ އަވަށު ސްކޫލް އެއް ކަމަށް ވާތީ، ބައެއް މުވައްޒަފުންނަށް ހަމަ މުސާރަ މި ދުވަސް ކޮޅަށް ދިނުމުގައި ލަސްތަކެއް ވީ ކަމުގައިވިޔަސް، މަސައްކަތް ކުރަނީ ހުރިހާ މުވައްޒަފުންގެ ވަޒީފާ ހިމާޔަތްކޮށް، މުދައްރިސުންގެ މުސާރައިން ލަސްކުރެވިފައިވާ ބައި އަނބުރާ ދެއްކޭނެ ގޮތަކަށް އެއްބަސްވުން ކަަމަށް ވެސް ބުނެ އެވެ.

އެހެންކަމުން، މި މައްސަލާގައި ޝާމިލްވާ ހުރިހާ ފަރާތަކުންވެސް މީގެކުރިން ދުވަހަކުވެސް ތަހައްމަލު ކުރަންޖެހިފައި ނުވާފަދަ ދަތި ހާލެއްގައި ވަނިކޮށް، މިކަމާ ބެހޭގޮތުން އެންމެފުރިހަމަ މައުލޫމާތު ނެތްފަރާތް ތަކުން އެކިވާހަކަ ދެއްކެވުމަކީ މިކަމަށް އަވަސް ހައްލެއް ލިބުމަށް ބާރު އެޅޭ ކަމެއްކަމަކަށް އަޅުގަނޑުމެންނެއް ނުދެން،

އައިލެންޑާސް އިން ބުނީ އެ ކުންފުނިން ހިންގާ އިންޓަނޭޝަނަލް ޕްރީސްކޫލުގެ ބޭބީ ނާސަރީއާއި ނާސަރީއިން ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ޖުމްލަކޮށް 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ ވަކިވެފައިކަމުން މިހާލަތަށް ބަލާފައި ބެލެނިވެރިންނަށް ފީ ދެއްކުމުގައި ދީފައިވާ ޑިސްކައުންޓާއި އެކު ވެސް، މާލީ އެކި ސަބަބުތަކާއި ގުޅިގެން ބެލެނިވެރިންނަށް ފީދެއްކުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައި ކަމަށެވެ. 

އެހެންކަމުން ވީމާ އިންޓަނޭޝަނަލް ސްކޫލްތަކުން ލިބޭ އާމްދަނީއަށް ބަރޯސާވެގެން އަމީރު އަހުމަދު ޕްރީ ސްކޫލް ކުޑަ ފީއެއްގައި ހިންގާގޮތަށް ބައްޓަންކުރެވިފައިވާ ޕޮރޮޖެކްޓަށް ބުރޫއަރައި، އެ ސްކޫލްގެ ގިނަ މުވައްޒަފުންނަށް ފުރިހަމަ މުސާރަ ވަގުތަށް ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި ސްކޫލް ފީ ކަލެކްޝަން ބޮޑު ތަނުން ވެއްޓި ކުންފުނި މާލީގޮތުން ހީނަރުވެފައިވާ މިދަނޑިވަޅުގައި ފުރަތަމަ ދެމަހުގެ މުސާރަ ހަމައަށް ހުރިހާ މުވައްޒަފުންނަށް ދެވުނީ ކުންފުނީގެ މާލިއްޔަތުގައި އެވަގުތު ހުރި ފައިސާ އިންނާއި ބޯޑު މެމްބަރުންގެ އަމިއްލަ މާލިއްޔަތުން ކަމަށް ވެސް ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް