
މިކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ކޮމަންވެލްތު ގޭމްސްއިން ރާއްޖެ ވަކިވީ، ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމުންނެވެ. އެއާއި އެކު ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގެ ފުރުސަތުވަނީ ގެއްލިފައެވެ. ވެރިކަން ބަދަލުވެ، ކޮމަންވެލުގައި އަލުން ރާއްޖެ ބައިވެރިވެ، އެންމެ ފަހުން ކޮމަންވެލްތު ގޭމްސްއިންވެސް އަލުން ރާއްޖެއަށް ފުރުސަތު ލިބުނީއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް ލޮސް މާޓީން، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގައި އަލުން ރާއްޖެ ބައިވެރިކުރަން ފުރުސަތު ދޭން ނިންމިކަން އަންގައިފިކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދިވެހި ކުޅިވަރަށް އުފާވެރި ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމަންވެލްތުން ދެހާސް ސޯޅަ ވަނަ އަހަރު ރާއްޖެ ވަކިވުމާއި ގުޅިގެން، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުންވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭރު މާޔޫސްވެފައިވާ ދިވެހި ކުޅިވަރު އާއިލާއަށް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ރައީސް ލޮއިސް މާޓިންވަނީ ހިއްވަރުވެސް ދެއްވާފައެވެ.
އޭރު، ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ގުޅިގެން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރޫޒޫގަށް ފޮނުއްވި ސިޓީއެއްގައި ސީޖީއެފްގެ ރައީސް މާޓިން ލިޔުއްވާފައިވާ ގޮތުގައި ސަރުކާރުގެ އެ ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށާއި އެކަމުގައި ސީޖީއެފް އަދި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އޭރުވެސް އެކަމަކު ލޮއިސް މާޓިންވަނީ ވަނީ ސަރުކާރުގެ ނިންމުން ކޮންމެވެސް ދުވަހަކުން ބަދަލުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އަދި އެކަމަށް އުއްމީދުކޮށް ތިބުމަށް ކުޅިވަރު އާއިލާ އަށް ގޮވާލައްވާފަ އެވެ.