ads
ސަފާރީއެއް--
95 ސަފާރީއަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފި
މިހާތަނަށް ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 95 ސަފާރީއަކަށް އަލުން ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ކަމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހު ބޯޑަރުތައް އަލުން ހުޅުވާ، ފަތުރުވެރިން ރާއްޖެ އަންނަން ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. 

އޭރުން ފެށިގެން ރިސޯޓުތަކާއި، ސަފާރީތަކަށް ވެސް ވަނީ ހިދުމަތް ދިނުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު ހުއްދަ ދެނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ފަރާތްތަކަށެވެ. 

އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމް އެއް ހުށަހަޅަންޖެހެ އެވެ. އަދި ސަފާރީގެ އޮޕަރޭޓިން ލައިސަންސް އާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމް ވެސް މިނިސްޓްރީ އަށް ހުށަހަޅަންޖެހެ އެވެ. އޭގެ އިތުރުން ސަފާރީން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭންއެއް ވެސް މިނިސްޓްރީ އަށް ހުށަހަޅަންޖެހެ އެވެ.

ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީ ސަފާރީތަކުން ހިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހެޅުމަށް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފަ އެވެ. އެގޮތުން މީރާއަށް ދައްކަންޖެހޭ އެއްވެސް ޓެކްސް އެއް ވާނަމަ ޓެކްސް ކްލިއަރެންސް ފޯމު ހޯދުމަށް ލަސްތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.  

އޭގެ އިިތުރުން ސަފާރީތަކުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދުމަށް ހުޅުމާލޭގައި ހާއްސަ އިންތިޒާމުތަކެއް އެންބީއޭއެމް އިން ރާވާފައި ވާއިރު، އެ އެސޯސިއޭޝަނުން ވަނީ ސަފާރީތަކުން މީހުން ރަށްރަށަށް ނޭރުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް