ދެކުނު މަލްމޯ ސިޓީގައި ހަތިމެއްގައި ރޯކޮށްލީ ކަނާތު ފިޔައިގެ އެކްޓިވިސްޓުންތަކެކެވެ. އެއާއެކު އެ ސިޓީގައި ވަނީ ހަމަނުޖެހުން އުފެދިފަ އެވެ.
ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ މީހުން މުޒާހަރާ ކުރަން ނިކުތް އިރު، އެމީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ފުލުހުންނަށް އަމާޒުކޮށް ތަކެތި އުކާ، ހުޅު ޖަހާފަ އެވެ.
ބައެއް ފުލުހުންނަށް އަނިޔާވެފައި ވާއިރު ހަމަނުޖެހުންތަކާ ގުޅިގެން 15 މީހަކު ހައްޔަރުކޮށްފައި ވެއެވެ.
ހަތިމުގައި އިއްޔެ މެންދުރު ރޯކޮށްލީ ސްވިޑަންއަށް ހިޖުރަކޮށްފައިވާ ގިނަ މީހުން ދިރިއުޅޭ ހިސާބުގަނޑެއްގަ އެވެ. އެ މަންޒަރު ވީޑިއޯކޮށް، އޮންލައިންކޮށް ޕޯސްޓުކޮށްފައި ވެއެވެ.
މުސްލިމުންނާ މެދު ނަފުރަތު އުފައްދަން މަސައްކަތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ވެސް އިއްޔެ ހައްޔަރުކޮށްފައި ވެއެވެ.