ads
އައިޑީ ކާޑު--
މުއްދަތު ހަމަވިޔަސް އައިޑީ ކާޑުތަކުން މިއަހަރު ހިދުމަތް ދޭނެ
މުއްދަތު ހަމަވެފައިވާ ނުވަތަ ގެއްލިފައިވާ އައިޑީ ކާޑުތައް ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށް، އެކާޑުތަކަށް މިއަހަރުގެ ނިޔަލަށް ހިދުމަތް ހޯދޭނެ ކަމަށް ނޭޝަނަލް ރަޖިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީއެންއާރް) އިން ބުނެފި އެވެ.
Advertisement

އެ ޑިޕާޓްމެންޓުން ކުރި އާންމު އިއުލާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ކާޑުތައް ބޭނުންކޮށްގެން ހިދުމަތް ލިބޭނޭ ކަމަށް ކަނޑައަޅާފައިވާ ތާރީހު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެހެންކަމުން އެފަދަ ކާޑު ބޭނުންކޮށްގެން ހިދުމަތް ލިބޭ މުއްދަތު މި އަަހަރުގެ ނިޔަަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެ ޑިޕާޓްމަންޓުން ވަނީ އާންމުކޮށް ދެމުން އައި އައިޑީކާޑު ހެދުމުގެ ހިދުމަތް މެދުކަނޑާލަފަ އެެވެ.

އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ އާންމުން ކުރަމުންދިޔުމާއި ގުޅިގެން އެޕްރީލް ހަތަރު ވަނަ ދުވަހު ކުރި އިއުލާއްނެއްގައި ބުނެފައި ވަނީ އައިޑީކާޑު ގެއްލިފައިވާ ނަމަ ނުވަތަ މުއްދަތު ހަމަވެފައިވާ ނަމަވެސް އައިޑީކާޑުގެ ބޭނުން ކޮށްގެން ހޯދަން ޖެހޭ ހިދުމަތްތައް 30 ޖޫންގެ ނިޔަލަށް ހޯދޭނެ ކަމަށެވެ. ދެވަނަ ފަހަރަށް ޖުލައި މަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރި ނަމަވެސް އަނެއްކާވެސް އެ މުއްދަތު އޮތީ މިމަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ. އެހެންނަމަވެސް މިހާރު މިއަހަރުގެ ނިޔަލަށް މި މުއަދަތު އިތުރުކޮށްފައި މިވަނީ ކޮވިޑް-19 ގެ ހާލަތު ރަނގަޅު ނުވެ އިތުރަށް ގޯސްވަމުން ދާތީ އައިޑީކާޑު ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ކުޑަކޮށްދިނުމަށް ކަމަށް އެ ޑިޕާޓްމެންޓްއިން ބުނެއެވެ.

އެގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބަލައި ހިދުމަތް ފޯރުކޮށްދޭވޭނެ ކަމަށް ވަނީ ބުނެފައެވެ. 

މިގޮތަށް މުއްދަތު އިތުރުކުރި ނަމަވެސް އޮންލައިންކޮށް ކާޑު ހެއްދުމަށް ހުށަހެޅޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެ އެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ހިދުމަތަށް އެދޭ މީހުންގެ ފަސޭހަ އާއި ރައްކާތެރިކަމަށްޓަކައި، ކާޑު ހެދުމަށް އެދޭ ފޯމު އެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އެ ޑީޕާޓްމަންޓުން އިތުރަށް ބުނީ ހިދުމަތަށް އެދޭ ފަރާތްތަކަށް ކާޑު ބަލާ ދާއިރު އެޕޮއިންޓުމަންޓް ހަމަޖައްސައި އެކަމާ ގުޅޭ މައުލޫމާތު ހިދުމަތަށް އެދޭއިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެ ކަމަށެވެ.

ކާޑު ހަވާލުވާން އަންނަންވާނީ ކާޑުގެ ވެރިފަރާތް ކަމަށާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ކާޑު ހަވާލުކުރާނީ، އައިޑީ ކާޑު ހިފައިގެން އައުމުން އެ ކުދިންގެ ބެލެނިވެރީންނާ ކަމަށާއި ވެރިފަރާތަށް ނާދެވޭނަމަ ފޯމު ހުށަހަޅާއިރު ކާޑު ހަވާލު ކުރާނެ ފަރާތެއްގެ މައުލޫމާތާއި ސަބަބު ބަޔާންކޮށް ވެރިފަރާތުގެ ސިޓީއެއް ސޮޔާއެކު ހިމަނަންވާނެ ކަމަށް އެ ޑިޕާޓްމަންޓްއިން ބުނެއެވެ.

މީގެ އިތުރުން ރައްރަށުގައި ގާއިމް ކޮށްފައިވާ ކަލެކްޓިން ސެންޓަރުތަކަށް ހުށަހަޅާ ކާޑުތައް ލިބޭނީ އެ ސެންޓަރުތަކުން ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް