ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ 2019 ވަނަ އަހަރުގެ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މިފްކޯއަކީ ފައިދާހުރި ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި ދަނަވާފައިވާނެ ކަމަށެވެ. މިފްކޯއަށް ވަމުންދާ ގެއްލުމުގެ ސަބަބުން މިދަޔަ އަހަރުވެސް އެސްޓީއޯއަށް ވަނީ 116 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ.
އަމްރު ވިދާޅުވީ މިފްކޯއަށް ގެއްލުންވާ މައިގަނޑު ސަބަބަކީ މިފްކޯގެ ބިޒްނަސް މޮޑެލްގައި ހުރި މައްސަލަތައް ކަމަށެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށްވުރެ ދަށް އަގުގައި ރާއްޖޭން ބޭރަށް މަސް ވިއްކަން ޖެހުން އަމްރު ފާހަގަކުރެއްވި އެވެ. މިދިޔަ އަހަރު ކުރެވުނު މަސައްކަތުން ފާހަގަވީ ރާއްޖޭގެ މަސް ދުނިޔޭގެ މާކެޓުގައި މަދުވެގެން ދިއުމުން ރާއްޖޭގެ މަހުގެ އަގު ބޮޑުތަނުން މައްޗަށް ދާކަން ކަމަށް އަމްރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ހުރީ 3000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީކަން ފާހަގަކުރަށްވާ އަމްރު ވިދާޅުވީ އެ ކެޕޭސިޓީގެ ބަދަލުގައި 10،000 ޓަނުގެ ސްޓޯރޭޖް ތައްޔާރު ކުރުމުގެ ގޮތުން 30 މިލިއަން ރުފިޔާގެ ޕްރްޖެކްޓެއް މިހާރު ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓުގެ ދަށުން ކުއްޑޫއާއި ފެލިވަރު ބަނދަރު ތަރައްގީކުރެވި ސްޓޯރޭޖް އިތުރުކުރުމުގެ އިތުރުން ކޭނިން ކެޕޭސިޓީ ވެސް އިތުރު ކުރެވިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އޭގެ ސަަބަބުން މިފްކޯއިން ގަންނަ މަސް ބޮޑު އަގުގައި ބޭރު ގައުމުތަކަށް ވިއްކުމަށް މަގުފަހިވެގެން ދާނެކަމަށާއި މަސްވެރިކަން އިތުރުވާ ދުވަސްވަރު ބޮޑެތި އަގުތަކުގައި ނުއަގުގައި މަސް ވިއްކަން ޖެހޭ މައްސަލައަށް ހައްލެއް ލިބި މަސް ކޮންޓްރޯލް ކޮށްގެން މާކެޓަށް ނެރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އަމްރު އިތުރަށް ވިދާޅުވީ އެ ޕްރޮޖެކްޓުގެ އިތުރުން މިފްކޯގެ ހިންގުން ހަރުދަނާކޮށް ބައިނަލްއަގުވާމީ މާކެޓުގައި ބްރޭންޑް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރެވި އެކަމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މިފްކޯގެ ބިޒްނެސް މޮޑެލްއަށް ދާއިމީ ހައްލެއް ހޯދުމަށްޓާކައި ސަރުކާރާއެކު މަޝްވަރާކުރެވި އެދެވޭ ކުރިއެރުންތަކެއް މިހާރުވަނީ ހޯދިފައި ކަމަށް އަމްރު ވިދާޅުވި އެވެ.