ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކެރެޓްރީ ޖެނެރަލް ފާތިމަތު ހިމްޔާ ވަނީ އެމްއާރްސީން ކޮވިޑް-19 ގެ ހާލަތުގައި ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
ހިމްޔާ ވިދާޅުވީ އެމްއާރްސީން މިހާތަަނަށް 137،000 އާ ގާތްކުރާ މިންވަރުގެ ކާބޯތަކެތި ބިދޭސީންނަށް ފޯރުކޮށްދީފައިވާ ކަމަށާއި އާމްދަނީ ލިބުން ހުއްޓިފައިވާ 9000 އަށްވުރެ ގިނަ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
ބިދޭސިންނާއި އެމީހުން އުޅޭ މާހައުލުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް 1707 ހައިޖީން ކިޓް ބިދޭސީންނަށް ފޯރުކޮށްދެވިފައިވާ ކަމަށާއި އެެމަޖެންސީ މީލް ޕެކްގެ ގޮތުގައި 1500 ޕެކް ފުރަބަންދުގެ ތެރޭގައި ބިދޭސީންނަށް ފޯރުކޮށްދެވުނު ކަމަށް ހިމްޔާ ވިދާޅުވިއެވެ. ހިމްޔާ ވިދާޅުވީ ފުރަބަންދު ތެރޭގައި އަދި މިހާރުވެސް ބިދޭސީން އުޅޭ ތަންތަނުގެ އެސެސްމެންޓް ހަދާ އެތަންތަނުގެ ހާލަތު ދެނެގަނެވިފައިވާއިރު 26 ތަނެއްގެ އެސެސްމެންޓް ހަދާ އެތަނުގެ ހާލަތު ދެނެގަނެ އެކި ފަަރާތްތަކާއި ހިއްސާކުރެވިފައި ވާކަމަށެވެ.
ފުރަބަންދަށްފަހު ރެޑްކްރެސެންޓްގެ މާލޭ ގޮފިން މައިގްރަންޓް ސަޕޯޓް ސެންޓަރެއް ގާއިމްކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށް ހިމްޔާ ވިދާޅުވިއެވެ. އެގޮތުން 9114584 އަދި 9114512 މި ނަންބަރުތަކުން މައިގްރަންޓް ސަޕޯޓް ސެންޓަރަށް ގުޅާ އެހީއަށް ބޭނުންވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ހިމްޔާ ވިދާޅުވިއެވެ. މިހާތަނަށް އޭގެ ތެރެއިން 700 ކޯލަށް އެޓެންޑްކޮށް 300 އަށްވުރެ ގިނަ ބިދޭސީންނަށް ކެއުމަށްޓަކައި ކޫޕަން ދޫކުރެވިފައިވާ ކަމަށް ހިމްޔާ ވިދާޅުވިއެވެ.
ރެޑްކުރެސެންޓްގެ ފަރާތުން ފުރަބަންދު ތެރޭގައި ކާތަކެތި ފޯރުކޮށްދެމުން ދިޔައީ ޑެލިވަރީކޮށްގެން ބިދޭސީން އުޅޭ ގޭގެއަށެވެ. އެހެންނަމަވެސް މިހާރު އެފަދަ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްފަހު ކޫޕަން ދިނުމުން ހަމަޖެހިފައިވާ ތަންތަނަށް ދިއުމުން މީލް ފޯރުކޮށްދޭ ގޮތަށް ހަމަޖައްސާފައި ވެއެވެ. އެގޮތުން 2600 މީލް މިހާތަނަށް ފޯރުކޮށްދެވި 200 އަށް ވުރެ ގިނަ ބިދޭސީންނަށް އެކަމުގައި ރެޑްކްރެސެންޓް ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޭބާ އޮތޯރިޓީއާއި ގުޅިގެން ބިދޭސީންނާއި ގުޅޭ އެކި ކަންކަމުގަޔާއި ދިމާވާ މައްސަލަތަކާއި އަދި ހާއްސަކޮށް ރިޕެޓްރިއޭޓް ކުރުމުގައި ފޯރުކޮށްދެވޭ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވާކަން ހިމްޔާ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުންވެސް އެކި ކަންކަމުގައި ހައްޔަރުވެ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބިދޭސީންނަށް ލީގަލް ރިޕްރެޒެންޓޭޝަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ޓްރާސްޕެރެންސީ އާއިއެކުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަން ހިމްޔާ ފާހަގަ ކުރެއްވިއެވެ.
ރެޑްކްރެސެންޓްއިން ދަނީ ކޮވިޑާއި ގުޅޭ މައުލޫމާތު އެމީހުންގެ ބަހުން ބިދޭސިންނަށް ފޯރުކޮށްދީ ބިދޭސިން އެކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ހަވީރުއާއި ރޭގަނޑު ކެނޑިނޭޅި ލޮރީ ބުރުތައްވެސް ބާއްވަމުންނެވެ. އަދި އެޗްޕީއޭއިން ކުރިއަށް ގެންދާ އިސްޕެކްޝަންތަކުގައި ވެސް ރެޑްކްރެސެންޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު މިހާތަނަށް 400 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރުމުގައި އެޗްޕީއޭއާއި ފުލުހުންނާއިއެކު ރެޑްކްރެސެންޓްގެ ޓީމް ހަރަކާތްތެރިވެފައި ވެއެވެ.