ads
މަސައްކަތް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ދ. ވާނީ ޕޮލިސް ޓްރެއިނިން ސެންޓަރުގެ މަސައްކަތް ނިންމާލައިފި
އިންޑިއާގެ ހިލޭ އެހީގެ ދަށުން ދ. ވާނީގައި ތަރައްގީ ކުރާ ޕޮލިސް ޓްރެއިނިން ސެންޓަރުގެ މަސައްކަތް ނިންމާލައިފި އެވެ.
Advertisement

އެކަން ފާހަގަކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އިންޑިއާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ. 

ވާނީގެ ޕޮލިސް ޓްރެއިނިން ސެންޓަރު އަޅާފައި ވަނީ އިންޑިއާގެ 200 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އަށް މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ.

އެ ރަސްމިއްޔާތުގައި ސަންޖޭ ސުދީރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ 16 އަހަރުގެ އަގުހުރި ހިދުމަތް ފާހަގަކުރައްވާ، މި މަޝްރޫއު ކާމިޔާބުވުމުން މަރުހަބާ ދަންނަވާފަ އެވެ. 

އޭގެ އިތުރުން އިންޑިއާގެ އެހީގެ ދަށުން ހިންގާ ތަރައްގީގެ އެކި މަޝްރޫއުތައް އަމަލީ ގޮތުން ހިންގާ އިމްޕްލިމެންޓިން އޭޖެންސީތަކަކީ އަބަދުވެސް ދިވެހި މުއައްސަސާތައް ކަމަށް ސަފީރު ވިދާޅުވި އެވެ. 

ފުލުހުންގެ ގިނަ ބަޔަކު އިންޑިއާގައި ތަމްރީން ހޯދާފައިވާ ކަމަށާއި، އެއީ އިންޑިއާއަށް ލިބޭ ފަހުރެއްގެ ގޮތުގައި ސަފީރު ފާހަގަކުރެއްވި އެވެ. 

ސަފީރު ވިދާޅުވީ ޕޮލިސް ކޮމިޝަނަރ މުހައްމަފު ހަމީދަކީ އިންޑިއާގެ އެންމެ ފެންވަރު ރަނގަޅު ޕޮލިސް އެކެޑަމީ ކަމުގައިވާ ހައިދަރްއާބާދްގެ އެސްވީޕީ ނެޝަނަލް ޕޮލިސް އެކެޑަމީ އިން ތަމްރީން ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށެވެ. 

އިންޑިއާގެ ހިލޭ އެހީގެ ދަށުން މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި 29 އަށް ވުރެ ގިނަ މަޝްރޫއު ދަނީ ހިންގަމުންނެވެ. އިތުރު މަޝްރޫއުތައް ފެށުމާ ގުޅޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މިދިޔަ މަހު ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. 

އެގޮތުން ދެގައުމުގެ މެދުގައި ގާއިމްކުރެވިފައިވާ އެއާ ޓްރެވެލް ބަބަލް އާއި މިމަހުގެ ފަހުކޮޅު ދެގައުމުގެ މެދުގައި ފެށުމަށް ހަމަޖެހިފައިވާ ޑައިރެކްޓް ކާގޯ ފެރީ ސާވިސް އާއި، ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓާ މާލޭ ކަނެކްޓިވިޓިޓީ ޕްރޮޖެކްޓަށް ފޯރުކޮށްދެވިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އޭގެ ތެރޭގައި ހިމެނެ އެވެ. 

ވާނީ ޕޮލިސް ސެންޓަރު ތަރައްގީ ކުރުމަށް އިންޑިއާއިން ދިން އެހީގެ ދަށުން ވަނީ ރިވާސް އޮސްމޯސިސް ޕްލާންޓަކާއި، ރެޕެލިން ޓަވަރަކާއި، ފަތާ ޓްރެކެއް އަދި ޖިމެއް ގާއިމްކުރެވިފަ އެވެ. ޖިމަށް ބޭނުންވާ އިކުއިޕްމެންޓްގެ އިތުރުން ސެންޓަރަށް ބޭނުންވާ ވެހިކަލްތައް ވެސް ގެނެވިފައި ވަނީ އިންޑިއާގެ އެހީގެ ދަށުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް