ads
މެމްބަރު ސައުދު ހުސައިން--
ވިލިނގިލި ރައްޔިތުންގެ ކިބައިން ޑރ. ނަޒްލާ މައާފަށް އެދެން ޖެހޭ: މެމްބަރު ސައުދު
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް، ގއ. ވިލިނގިލި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވުމަށް އެ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގޮވާލައްވައިފި އެވެ.
Advertisement

ގދ. ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު، ވިލިނގިލި ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރުމުން، އެ ރަށު މީހުން ވަނީ އެ މީހާއަށް ރަށަށް އެރިޔަ ނުދީ އިހްތިޖާޖުކޮށްފަ އެވެ. 

އެންމެ ފަހުން އެ މީހާ ގެނެސްފައި ވަނީ މާލޭގެ ފެސިލިޓީއަށެވެ. އަދި ތިނަދޫގައި މި ބައްޔަށް ހާއްސަ ފެސިލިޓީއެއް ތަރައްގީ ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ. 

އެކަމާ ގުޅިގެން އެޗްއީއޯސީން ރޭ ބޭއްވި ނިއުސް ކޮންފެރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ ވިލިނގިލިން ފެނުނު މަންޒަރަކީ ކޮވިޑް-19 އަށް ނުރައްކާތެރި ބަލިމަޑުކަމެއްގެ މަންޒަރު ކަމަށެވެ. 

ޑރ. ނަޒްލާގެ އިތުރުން އާއްމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މެމްބަރު ސައުދު ހުސެއިން އަންނަނީ ވިލިނގިލި ރައްޔިތުންގެ އަމަލުތައް ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ. 

ސައުދު ވިދާޅުވެފައި ވަނީ ސީއެމްބިއުލާންސްގައި ބަލި މީހާ ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ހޮސްޕިޓަލް މެނޭޖަރާއި، އަތޮޅު ކައުންސިލުގެ ރައީސް އަދި އެޗްޕީއޭގެ އިހުމާލުން ކަމަށެވެ. 

"... އަދި ޕޭޝަންޓު އެހީތެރިޔާ ނުލާ ދާން ބޭނުން ނުވާތީ އެވެ. ވިލިނގިލި ރައްޔިތުން ބަދުނާމު ނުކުރުމަށް އިލްތިމާސް ކުރަން،" ސައުދު ކުރެއްވި ޓްވީޓެއްގައި ވެއެވެ. 

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ވިލިނގިލި ރައްޔިތުންގެ ކިބައިން ޑރ. ނަޒްލާ މައާފަށް އެދިވަޑައިގެންނެވުމަށް ގޮވާލައްވާފަ އެވެ. 

"ވިލިނގިިލި ރައްޔިތުންގެ ކިބައިން ޑރ. ނަޒްލާ މައާފަށް އެދެން ޖެހޭ. ވިލިނގިލި ހޮސްޕިޓަލުގެ ކެޕޭސިޓީ އެޗްޕީއޭއަށް ނޭނގި ކޮވިޑް ޕޭޝަންޓު ޓްރާންސްފާ ޑިސިޝަން ނަގާ، ޕޭޝަންޓު ދިޔުމުން ކަންކަން ފުރިހަމަ ނުވެ، ޕޭޝަންޓު އެހީތެރިޔާ ނުލާ އައިސޮލޭޝަނަށް ދިޔުމަށް އުޒުރުވެރިވުމަކީ ވިލިނގިލި ރައްޔިތުންގެ ކުށެއް ނޫން،" އެ ޓްވީޓުގައި ވެއެވެ.

ތިނަދޫން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން 68 އަހަރުގެ ފިރިހެން މީހާއަކީ މި ބަލީގެ ހައި ރިސްކު މީހެކެވެ. ރާއްޖޭގައި މިހާތަނަށް 7804 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

އޭގެ ތެރެއިން 5152 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ޖުމްލަ 29 މީހަކު ވަނީ މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް