ads
އައިސޮލޭޝަން--
އައިސޮލޭޓްވާ މީހުންގެ ޒިންމާ ރަނގަޅަށް އަދާ ކުރުން މުހިއްމު!
ކޮވިޑުގެ ހާލަތު ދިވެހިންގެ ތެރޭގައި ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު ބަލީގައި އައިސޮލޭޓް ކުރެވޭ މިންވަރު ވެސް މި ވަނީ ގިނަވެފަ އެވެ. މިފަދަ ހާލަތެއްގައި ބައްޔަށް ޕޮޒިޓިވްވެ އައިސޮލޭޓް ވާ މިންވަރު މަދުކުރުމަށް އަދާކުރަން ޖެހޭ ފަރުދީ ޒިންމާތަކެއް އެބަ ހުއްޓެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހާގެ ސަބަބުން އިތުރު އެހެން ބަޔަކަށް މި ބަލި ނުޖެހުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކަށް ސަމާލުކަން ދެވިއްޖެނަމަ މި އަދަދު އަޅުގަނޑުމެންނަށް މަދު ކުރެވިދާނެއެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ސަބަބުން މިބަލި އަނެއް މީހާގެ ގަޔަށް އަރާ މިންވަރު އިތުރެވެ. އެހެންކަމުން އެންމެ ސަމާލުކަން ދީގެން ބަލަން ޖެހޭ ކަމަކީ ތިމާ އާއި ތިމާ ވަށައިގެންވާ މީހުންގެ ކިބައިން ތިމާއަށް ނުވަތަ އެހެން ބަޔަކަށް ބަލި ނުޖެހޭތޯއެވެ. 

މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ ކޮންޓްރޯލް ކުރެވެމުން ނުދާތީ ލެބޯޓްރީތަކުން ހެދޭ ޓެސްޓުން ޔަގީންވާ ހުރިހާ އެންމެން ހެލްތް ކެއާ ފެސިލިޓީތަކުގައި އައިސޮލޭޓްވުމަށް ޑަބްލިއުއެޗްއޯ އިން ވަނީ އަންގާފައެވެ. އަދި އެފަދަ ފަރާތްތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުން ވެސް އަމިއްލައަށް ގޭގައި ކަރަންޓީން ވާން ޖެހެއެވެ. 

ހެލްތް ކެއާ ފެސިލިޓީތަކަށް ނުގޮސް ގޭގައި ކަރަންޓީންވެގެން ތިބޭ ފަރާތްތަކުން ވެސް މަދުން އަލާމާތް ފެންނަ ނަމަ ހެލްތް ކެއާ އެހީދޭ ފަރާތްތަކާއި ގުޅާ ފެންނަ އަލާމަތްތައް ކިޔައިދޭންވާނެއެވެ. އަދި ގޭގައި އައިސޮލޭޓްވެ ސިއްހީ އެހީތެރިންދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބަހަށްޓަން ވާނެއެވެ. މައިލްޑް ސިމްޕްޓަމްސް ތެރޭގައި އެއްވެސް ބައްޔެއް ނުވެ ހުން އައުމާއި، ކަރުތެރެ ސަކަރާތްވެ ހިކި ކެއްސުން ހިމެނެއެވެ.

އައިސޮލޭޓްވެގެން ގޭގައި ހޭދަކުރާ ވަގުތުތަކުގައި ވެސް މާސްކް އެޅުމާއި ކެއްސާ ކިނބިހި އަޅާނަމަ ޓިޝޫފަދަ އެއްޗަކުން އަނގަ ނިވާކުރުން އަދި ގިނަގިނައިން އަތްދޮންނަން ވާނެއެވެ. ގޭގައި އައިސޮލޭޓްވެގެން ހުންނަ ދުވަސްވަރު ތިމާއަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިވުމަށް ގޭގައި އުޅޭ މީހުންގެ ތެރެއިން ސިއްހީ ގޮތުން ބަލިކަށި ނޫން ބައްޔަށް ރިސްކް ކުޑަ މީހުންގެ އެހީތެރިކަން ހޯދުން ވަރަށް މުހިންމެވެ. އެހެން ނަމަވެސް މާސްކު އަޅާ އަންގިލެއްވުމަށް ފަހު ނޫނީ އައިސޮލޭޓްވާ މީހާ އުޅޭ ތަނަކަށް ނުވަނުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ބޭނުންކުރާ މާސްކާއި އަންގި އެއްލާލުމަށް ފަހު އަތް ރީތިކޮށް ދޮންނަން ސަމާލުކަން ދޭންވާނެއެވެ.

ގޭތެރޭގައި އައިސޮލޭޓްވެގެން ހުންނަ މީހާ މީހުންގެ ތެރެއަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ވެސް އެއް ފޫޓް ދުރުމިން ބަހައްޓަން ހަނދާންކުރަން ވާނެއެވެ. ހާއްސަކޮށް ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ދުވަސްވީ މީހެއް ގޭގައި އުޅޭނަމަ އެމީހުންނާއި ވީހާވެސް ދުރުގައި ހުރުމަށް ވިސްނަންވާނެއެވެ. ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ރަނގަޅީ ހަމަ އެއްވެސް ވަރަކަށް ނުނިކުމެ ވާނަމަ އައިސޮލޭޓް ވެގެން ހުންނަ ތަނަކުން ނުނިކުތުމެވެ. 

އައިސޮލޭޓްވާ މީހަކު ކާތަކެއްޗާއި ކާތަށި ފަދަ ތަކެތި ޝެއާ ނުކޮށް ކާތަށި ރަނގަޅަށް ދޮވުމާއި ލާ އަންނައުނާއި އެހެނިހެންވެސް ތަކެތި ވަކިން ބޭނުން ކުރުމަށް ސަމާލުކަން ދޭށެވެ. އަދި އައިސޮލޭޝަން މުއްދަތު ހަމަވުމަށްފަހު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރާތްތަކުގެ ލަފާގެ މަތިން އައިސޮލޭޝަން ފެސިލިޓީއަކަށް ގޮސް އެކަހެރިވާން ޖެހޭނެއެވެ. 

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ ފެސިލިޓީއަށް ގެންދިއުމުން ދެން ކަންތައް ކުރަން ޖެހޭނެ ގޮތް ބަޔާންކޮށްދެމުން ސިއްހީ މާހިރުން ވިދާޅުވަނީ ޕޮޒިޓިވް ވެފައިވާ މީހެއް ފެސިލިޓީ އަށް ގެންދިއުމުން ލައްފިލުވާ ސޮލިއުޝަން ބޭނުންކޮށްގެން ތަންތަނާއި ތަކެތި ސާފުކުރަންވާނެ ކަމަށެވެ. އެގޮތުން ލައްފިލުވާ ސޮލިއުޝަން ތައްޔާރުކުރުމަށް 490 މލ ފެނަށް 10މލ ލައްފިލުވާ އެއްކުރަން ޖެހެެއެވެ. ސާފުކުރާއިރު އެންމެ ފުރަތަމަ ތަންތަނާއި ތަކެތި ސައިބޯނި ފެން ލައިގެން ރަނގަޅަށް ދޮވެ ސާފުކުރުމަށް ފަހު ލައްފިލުވާ ސޮލިއުޝަން ލައި އެއް މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ފެނުން ދޮންނާނީއެވެ.

އެފަދަ މީހެއްގެ ބޭނުންކޮށްފައިވާ އަންނައުނު ގޭގައި ހުރި ނަމަ އެފަދަ ތަކެތި ލަސްނުކޮށް ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ކޮވިޑް ވައިރެހަކީ ވައިގެ ތެރޭގައި ވެސް ހިފާފަ ހުންނަ ވައިރަހަކަށް ވެފައި އެފަދަ އެއްޗެއްގެ ސަބަބުން ގޭގައި ދެން ތިބޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކުރުމަށެވެ. އަދި ދޮންނަން ފެށުމުގެ ކުރިން މާސްކް އަޅާ އަންގި ލެއްވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވާއިރު ޕޮޒިޓިވް ވެފައިވާ މީހާގެ އަންނައުނު ދޮންނަން ވާނީ އެހެން މީހުންގެ އަންނައުނާ ވަކިން، 60 ޑިގުރީއަށް ވުރެ ހޫނު ފެނުގައި މެޝިނުން ކަމަށް ވެސް ބުނެފައި ވެއެވެ.

އާއިލާ ތެރެއިން ބައްޔަށް ޕޮޒިޓިވްވެ މީހަކު އައިސޮލޭޓް ކުރެވޭ ހިސާބުން މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ރައްކާތެރިވުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅާ ގޭތެރޭގައި އަދި އުޅޭ މާހައުލުގައި އިތުރަށް ބަލި ފެތުރުނަ ނުދީ ކޯންޓްރޯލް ކުރުމަށް ކުރެވިދާނެ މިފަދަ ކުދިކުދި ކަންކަން އެބަ ހުއްޓެވެ.

ރާއްޖޭގައި ހަލުވި ކަމާއިއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނޭކަން ފާހަގަ ކުރެވެއެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 8584 އަށް އަރާފައެވެ. މިހާރުވެސް 147 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 29 މީހަކަު މަރުވެފައި ވެއެވެ.

ބަލީގެ ހާލަތު ގޯސްވެ އަދަދުތައް ދަށްވަމުން ނުދާތީ މި އަދަދު މަދުކޮށް ހާލަތު ހަމައަކަށް އެޅުވުމަށް އެންމެން ވެސް ހާއްސަ ސަމާލުކަމެއްދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް