އެކަން އިއުލާން ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.
މިއަދު އޮތް އޮންލައިން ރަސްމިއްޔާތެއްގައި ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީން އަޅާ ދެ ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ އަމަލީ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށް އަޅާ ފްލެޓުތަކުގެ ތެރެއިން އެމްޑަބްލިއުއެސްސީން އަންނަނީ 15 ބުރީގެ ދެ ޓަވަރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ޝާހު ވިދާޅުވީ އެތަނުން އެއް ޓަވަރުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ކުރަނީ ކުންފުނިން އަމިއްލައަށް ފައިނޭންސް ކޮށްގެން ކަމަށެވެ.
"އެގޮތުން މި ޕްރޮޖެކްޓުގެ މިހާރު ވަނީ ސްޓަރްކްޗާ އެއްކޮށް ނިމިފައި،" ޗައިނާގެ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިންމެޓަލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއާ ގުޅޭ ގޮތުން ޝާހު ވިދާޅުވި އެވެ.
ފުރަތަމަ ޓަވަރުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު، ދެވަނަ ޓަވަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ފްލެޓަށް އޮންނަ ޑިމާންޑަށް ބެލުމަށް ފަހުގައި ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.
ކުންފުނީގެ އެމްޑީ ޝާހު ވިދާޅުވީ ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ފޯމުލީ 72 މުވައްޒަފުންނަށް ވެސް ފްލެޓް ލިބޭނެ ކަމަށާއި އަދިވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ފްލެޓަށް ފައިސާ ދައްކަން ޖެހޭ ގޮތާ ބެހޭ ގޮތުން ޝާހު ވިދާޅުވީ ލުއި ގޮތަކަށް އެ އިންތިޒާމް ހަމަޖެއްސުމަށް މާލީ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"މުވައްޒަފުން ކިހިނެއްތޯއޭ މި ތަންތަނަށް ފައިނޭންސް ކުރާނީ. ބޯޑު ލެވެލްގެ ބައްދަލުވުންތަކާއެކު، މެނޭޖުމެންޓުގެ އިސްނެގުމުގެ މަތިން އަޅުގަނޑުމެން މިހާރު ފައިނޭންސިން ޕާޓީތަކާއެކު މަޝްވަރާ ކުރަމުން އެބަދަން،" ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފްލެޓުގެ އަގު ކަނޑައެޅުމުގައި މާކެޓު އަގުތަކާއި ފައިނޭންސިން ލިބޭ ގޮތްތަކަށް ބަލާނެ ކަމަށެވެ. އަންނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު މުވައްޒަފުންނަށް ފްލެޓަށް ވަދެވޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެ އެވެ.