
ރައްޔިތުންގެ އަޑުގެ ނަމުގައި ޗެނަލް13 އިން ލައިވްކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު، ޕްރޮގްރާމުގައި ފޯނުން ގުޅި މީހަކު ވަނީ ރައީސްގެ ހަށިކޮޅުގައި އަލިފާން ރޯކުރުމަށް ގޮވާލާފަ އެވެ.
އެއާއެކު ގިނަ ބަޔަކު އެކަމުގެ ނުރުހުން ފާޅުކުރަމުން އަންނައިރު އޭގެ ތެރޭގައި މަޖިލިސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެގޮތުން ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހުޅުޖަން ގޮވުމާއި ޓެރަރިޒަމްގެ އަމަލު ހިންގަން ހިތްވަރު ދިނުމާއި ކޮވިޑް ފަތުރަން ހިތްވަރު ދިނުން ފަދަ ގާނޫނާއި ހިލާފު އަމަލު ހިންގާއިރު ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އަދި ޕޮލިހުންގެ އިތުރުން އެމްއެންޑީއެފް އާއި އިލެކްޝަންސް ކޮމިޝަނުން ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރުމަށް ގޮވާލެއްވި އެވެ.
އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ އިދިކޮޅު ޓީވީ ޗެނަލުން ފާޅުގައި ރައީސް ސޯލިހާ ދެކޮޅަށް އެފަދަ އަމަލުތައް ޕްރޮމޯޓްކުރަމުން އަންނަ ކަމަށާއި އެފަދަ ކަންކަން ފުލުހުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ވެސް އަންނަނީ ސޯޝަލް މީޑިއާ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިނިވަން ނޫސްވެރިކަމަކީ އެއީތޯ ބުނެ ދަނީ ސުވާލު އުފައްދަމުންނެވެ. މީގެ އިތުރުން އެ އަމަލަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ސިފަކޮށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
މީގެ ކުރިންވެސް ވަނީ ޗެނަލް13 ގެ ޕްރޮގްރާމެއްގައި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ބަސްމަގު ގެންގުޅުނު މައްސަލައަކާއި ގުޅިގެން ބްރޮޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަންގެ އިސްވެރިންނާއި ބައްދަުލޮށް ނަސޭހަތްތެރިވެފައެވެ.