
ޗެނަލް13 އިން މިއަދު ބުނީ އިއްޔެ މެންދުރު 13:00 ގައި ޗެނަލް13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިއަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.
އަދި އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލާފައި ކަމަށާއި އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ.
އެ ސްޓޭޝަނުން އިތުރަށް ބުނީ ޗެނަލް13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަންކަމަށް ހިތްވަރުދީ، ގާނޫނާއި ހިލާފް ކަންކަން ކުރުމަށް ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ އެވެ.
އެކަމާއި ގުޅިގެން ޗެނަލް13 އިން މައާފަށް އެދުނުއިރު އެކަން ފުލުހުންގެ ސަމާލުކަމަށް އައިސް މިހާރު އެކަމާއި ގުޅިގެން ބަލަން ޖެހޭކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.