ads
އަހްމަދު ހައިލަމް
ގާޒީ ކަމުގެ މަގާމުން ހައިލަމް ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފި
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ގާޒީ ކަމުން ވަކިކުރުމަށް އެ މައްސަލަ ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ގާޒީ ކަމުން ވަކިކުރުމަށް އެ މައްސަލަ ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ގާޒީ ކަމުގެ މަގާމުން ހައިލަމް ވަކިކުރުމަށް ޖޭއެސްސީ އިން މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިއަދު ބޭއްވި ޖަލްސާގަ އެވެ. މިމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާ އެކު މަޖިލީހުގެ ރިޔާސަތުން މިމައްސަލަ ދިރާސާކުރުމަށް ފޮނުވީ ޖުޑިޝަރީ ކޮމިޓީ އަށެވެ.

އެހެންކަމުން މިމައްސަލައިގައި މިއަދު މެންދުރުފަހު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ގާޒީ ކަމުގެ މަގާމުން ހައިލަމް ވަކިކުރުމަށް ފާސްކޮށްފަ އެވެ.

ހައިލަމް ގާޒީ ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމިއިރު ހައިލަމް މިހާރު ވެސް ހުންނެވީ ސަސްޕެންޑް ކޮށްފަ އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަަ އަމަލުތަކެއް ގާޒީ ހައިލަމް ކުރައްވާފައިވާ ކަމަށް ކޮމިޝަންގެ މެންބަރުންނަށް ވެސް އިއްތިފާގުވެވޭ ކަމަށެވެ. އަދި ހައިލަމްގެ އަމަލުތަކަކީ ގާޒީ ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ގަބޫލުކުރެވުނު ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ. އަދި އެސަބަބުތަކާ ގުޅިގެން ގާޒީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމީ ކަމަށްވެސް ޖޭއެސްސީން މައުލޫމާތު ދީފައިވެ އެވެ.

އިސްގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބެލުމަށް ނިންމީ ނިމިގެންދިޔަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް ފޮނުވި ފޮޓޮއެއްގެ މައްސަލައިގަ އެވެ. އެ ފޮޓޯގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއި ވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް