ads
ފޮޓޯ: ޑަބްލިއުއެޗްއޯ މޯލްޑިވްސް
ސިއްހީ ހިދުމަތްތެރިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު!
ކޮވިޑް-19 ގެ ކޭސްއެއް ރާއްޖެއިން ފެނުނު ފަހުން ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުމަށްފަހު ގިނަ އަދަދެއްގެ ކޭސްތައް މިހާރު އަންނަނީ ފެންނަމުންނެވެ.

ވެރިރަށް މާލޭސިޓިގައި ކޮވިޑް-19 ހިފެހެއްޓުމެއް ނެތި ފެތުރެމުން އަންނައިރު ބަލި ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅޭ އިދާރާތަކުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ވެސް ވަރުބަލިކަމެއް އަދި ހުއްޓުމެއް ނެތި އަބަދުމު މަސައްކަތުގައި ވަގުތުތައް ހޭދަކުރަމުން އަންނަނީ ސިއްހީ ހިދުމަތްތެރިންނެވެ. 

ޑޮކްޓަރުންނާއި ނަރުހުންނާއި ލެބޯރަޓަރީ ޓެކްނީޝަނުންނެވެ. ކޮވިޑްގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށުނީއްސުރެއް އެފަރާތްތަކުން އަންނަނީ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮވިޑަށް ސާމްޕަލް ނެގުމުގެ މަސައްކަތާއި ކޮވިޑް ބަލިމީހުންނަށް ފަރުވާ ދިނުމާއި ކަންކަން އެންމެ ގާތުން ބެލުމަށް އެކި ފެސިލިޓީތަކުގައި ސިއްހީ ހިދުމަތްތެރިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކަށް ވަނީ އާއިލާއާއި ދުރުގައި މާލެއިން ބޭރުގައި ހުރި ގިނަ ފެސިލިޓީތަކެއްގައި މަސައްކަތް ކުރަން ޖެހިފައެވެ. 

ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް އަންނަނީ ނުހަނު ބާރުބޮޑުވަމުންނެވެ. ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި ޑޮކްޓަރުންނާއި ނަރުހުން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހެލްތް ސެކްޓާ އޯވަލޯޑް ވެގެންދާއިރު ކޮވިޑް ނޫން ބަލިތަކަށް ފަރުވާދީ ބަލަހައްޓަން ތިބީވެސް ހަމަ އެ ނަރުހުންނާއި ޑޮކްޓަރުންނެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު ހެލްތު ސެކްޓާގެ ކެޕޭސިޓީ ދަނީ ވަރަށް ބޮޑަށް ފުލްވަމުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެހެން ނަމަވެސް ސިއްހީ ހިދުމަތްތެރިން ހުއްޓުމެއްނެތި، މި ނުރައްކަލުގެ ވަގުތުގައި ވެސް ރައްޔިތުންނާއި ގައުމުގެ ހިދުމަތުގައި ކުރާ މަސައްކަތަކީ ޝުކުރު ހައްޤު މަސައްކަތްތަކެކެވެ. 

އެ ފަރާތްތަކަށް ކިރިޔާވެސް ލުޔެއް ފޯރުކޮށްދެވޭން ވެސް އޮތީ ހަމަ އަޅުގަނޑުމެންނަށެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަދި ދެމުންދާ އިރުޝާދުތަކަށް އަމަލުކޮށްގެން ނޫން ގޮތަކަށް މި ބަލިން އަރައިގަނެވޭކަށް ނެތެވެ. ކޮވިޑް ފެތުރޭމިންވަރު ކޮންޓްރޯލް ކުރެވި މަދުކުރެވިގެން މެނުވީ ސިއްހީ ހިދުމަތްތެރިންނަށް އަރާމުގެ ލޮލުފިޔައެއް ޖެހޭކަށް ނެތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް