އެމްޕީއެލުން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ރޭގަނޑު 23:30 އިން ހެނދުނު 7:30 އާ ދެމެދު ދެވޭ ހިދުމަތްތަކުން ނަގާ %30 ގެ ސާޗާޖް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަމަށެވެ.
އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން، އެމްޕީއެލްގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް، މުހައްމަދު އަމީޒް ވިދާޅުވީ 23:30 އިން ފެށިގެން 7:30 އަށް ސާޖާޗް ނަގަމުންދާތީ ބައެއް ޝިޕިން އެޖެންޓުން ކަސްޓަމަރުން އަތުން އިތުރު ފީ އެވަގުތު ނޫނަސް ނަގަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން 13 ސެޕްޓެމްބަރުން ފެށިގެން އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތަކަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާއިރު އަމީޒް ވިދާޅުވީ ވޯފޭޖް ޗާޖު ހަތް ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށެވެ.