ads
ވާދޫއަށް ރޭ ކުރި ވިއްސާރައިގެ ތެރެއިން-- ފޮޓޯ: ވާދޫ ޓައިމްސް
ގަދަ ވަޔާއި ވިއްސާރައިގައި ވާދޫއަށް ބޮޑެތި ގެއްލުންތަކެއް
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ ބޯކޮށް ވާރޭވެހި، ވައިގަދަވެ ރ. ވާދޫ އަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބިއްޖެ އެވެ.

ސީއެންއެމްއާ ވާހަކަ ދައްކަވަމުން ވާދޫ ކައުންސިލްގެ ރައީސް ހުސެން އަލީ ވިދާޅުވީ ރޭއްސުރެ ގަދަވަޔާއިއެކު ވިއްސާރަ ކޮށްފައިވާ ކަމަށެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބޭރަށް ނިކުންނަން ވެސް ނުކެރޭ ވަރަށް ވައި ޖެހިފައިވާ ކަމަށް ހުސެން އަލީ ވިދާޅުވި އެވެ.

your imageރ. ވާދޫއަށް ކުރި ވިއްސާރައިގެ ތެރެއިން-- ފޮޓޯ: ވާދޫ ޓައިމްސް

ހުސެން އަލީ ވިދާޅުވީ ބޯކޮށް ވެހުނު ވާރެއާއިއެކު އެކި ހިސާބުތަކުގައި ފެންގަނޑު ބޮޑުވެފައިވާ ކަމަށާއި ގަހާއި ރުއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ގޭގޭ ފުރާޅު އެއްލާލުމުގެ އިތުރުން ފާރުވެއްޓުން ކަހަލަ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް ހުސެން އަލީ ވިދާޅުވި އެވެ.

ހުސެން އަލީ ވިދާޅުވީ ރަށުތެރެއަށް ލިބުނު ގެއްލުންތައް އިތުރަށް ބަލަމުންދާ ކަމަށެވެ.

your imageވާދޫއަށް ރޭ ކުރި ވިއްސާރައިގެ ތެރެއިން-- ފުޓޯ: ވާދޫ ޓައިމްސް

މިހާރު ވާރޭވެހުން ހުއްޓާލާފައި ވީ ނަމަވެސް އަދިވެސް ވަރަށް ގަދައަށް ވައިޖެހޭ ކަމަށް ހުސެން އަލީ ވިދާޅުވި އެވެ. 

"ރޭގައި އެއްކޮށް ކަހަލަ ގޮތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބާރަށް ވައިޖެހުނު. އަޅުގަނޑުމެން ތިބީ އެއްކޮށް ކަހަލަ ގޮތަކަށް ރޭގައި ހޭލައި. އެހެންނަމަވެސް ބާރަށް ވައި ޖެހޭތީ ބޭރަށް ނިކުންނާކަށް ނުކެރޭ. މިހާރު ރަށުތެރެއަށް ޓީމެއް ފޮނުވައިގެން ބަލަމުން މިދަނީ ލިބުނު ގެއްލުންތައް. އަޅުގަނޑުވެސް މިހާރުވެސް މިއުޅެނީ އެކަމުގަ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައި ވާއިރު ވާދޫގައި މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ. ވާދޫގެ އިތުރުން އެއަތޮޅު ދުވާފަރުގައި ވަނީ ގަދަ ވަޔާއި ވިއްސާރައާއިއެކު ރޭ ދަންވަރުގެ ވަގުތެއްގައި ސިއްހީ މަރުކަޒުގެ ވިއްސާ ކޮޓަރީގެ ފުރާޅުގެ ބައެއް އެއްލާލައި ގެއްލުންތަކެއް ލިބިފަ އެވެ.

your imageރ. ދުވާފަރު ހެލްތް ސެންޓަރުގެ ވިއްސާ ކޮޓަރި ފުރާޅުއެއްލާލާފަ-- ފޮޓޯ: ދުވާފަރު ހެލްތް ސެންޓަރު

ރާއްޖޭގެ މޫސުން ގޯސްވެ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންދާއިރު ރާއްޖޭގެ ބޮޑުބަޔަކަށް މިހާރު ވަނީ އޮރެންޖެ އެލާޓް ވެސް ނެރެފަ އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

އަދި އެހެންވެ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް މެޓުން އިލްތިމާސްކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް