އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 57 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އެއްވެސް ހާލަތެއްގައި ކަރަންޓީނުގައި ހުންނަންޖެހޭ މުވައްޒަފުންނަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލާއި މުސާރަ ލިބޭ ގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.
އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމުގެ އިތުރުން އެ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭއިރު އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަަށް ލާޒިމު ވަނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް ސޮއިކޮށް ލިޔުމެއް ދެއްކުމުންނެވެ.
އެ ބިލުގައި އިތުރަށް ބުނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކާއި ގުޅިގެން ވަޒީފާއަށް ދިއުމަށް ހުރަސް އެޅޭ ފަރާތްތަކަށް ވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.
އަދި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވާއިރު ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު އޭނާއަކީ އެމީހާ ބެލުމާއި ހަވާލުވެފައިވާ މީހެއްނަމަވެސް ހާއްސަ ޗުއްޓީއެއް މުސާރައާއެކު ލިބޭ ގޮތަށް ހަމަޖައްސަން ޖެހެ އެވެ.
އެ ބިލުގައިވާ ގޮތުން އެ ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެކެވެ.
އޭގެ އިތުރުން، ކޮވިޑްގެ ހާލަތުގައި ވަޒީފާއިން ވެސް ވަކި ނުކުރެވޭނެ ހާލަތްތަކެއް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކޮވިޑާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޓްރިބިއުނަލަށް ދިއުމުގެ ހައްގު ވެސް ބިލުގައި ކަށަވަރުކޮށްފައިވެ އެވެ.