
ޗެނަލް13 އިން ބުނެފައި ވަނީ އެއީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ވާތީ މި ވަގުތަށް ބްރޯޑްކޮމަށް ޖަވާބުދާރީވާން އުޒުރުވެރިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެނައި "ރައްޔިތުންގެ އަޑު" ޕްރޮގްރާމަށް ގުޅި މީހަކު ވަނީ "މިހާރުން މިހާރަށް [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެފަ އެވެ.
އުމުރުން 47 އަހަރުގެ އެ ފިރިހެން މީހާ އިއްޔެ ވަނީ ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފަ އެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ބްރޯޑްކޮމުން ވެސް ބުނެފައި ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި ލިޔުމުން ޖަވާބުދާރީވާން ޗެނަލް13 އަށް ދެ ދުވަސް ދިން ކަމަށެވެ.
މިއަދު ހެނދުނު އެ މުއްދަތު ހަމަވިއިރު، ޗެނަލް13 އިން ވަނީ ފުލުހުން އެ މައްސަލަ ބަލާތީ ޖަވާބުދާރީވާން އުޒުރުވެރިވާ ކަމަށް ބުނެ ބްރޯޑްކޮމަށް ސިޓީއެއް ފޮނުވާފަ އެވެ.