ކޮވިޑް-19 އާ ގުޅިގެން ވައިގެ ދަތުރު ހުއްޓުމަކަށް އައުމަށް ފަހު، ދެ ގައުމުގެ މެދުގައި އެއާ ޓްރެވަލް ބަބްލް ގާއިމް ކުރީ އޮގަސްޓް 25 ގައެވެ.
އެގޮތުން އިންޑިގޯ އެއާލައިންސްގެ ފްލައިޓެއް ހަފްތާއަކު ދެ ދުވަހު ކޮޗިން އިން މާލެއަށް މިހާރު ދަތުރު ކުރާނެ އެވެ. އަދި މި މަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓެއް މާލެ އާއި ޓްރިވެންޑްރަމާ ދެމެދު ހަފްތާއަކު ދެ ދުވަހު ދަތުރު ކުރާނެ އެވެ. އޭގެ އިތުރުން އެއާ އިންޑިއާގެ ފްލައިޓެއް ކޮންމެ ހަފްތާއަކު އެއް ދުވަހު މާލެ އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރު ކުރާނެ އެވެ.
ދެ ގައުމުގެ މެދުގައި ހަފްތާއަކު ފަސް ދަތުރު ކުރަން ފަށާފައި ވާއިރު، އިންޑިއާއަކީ މިހާރު ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޓޫރިސްޓް މާކެޓެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ދެގައުމުގެ މެދުގައި އެއާ ޓްރެވަލް ބަބްލް ގާއިމްކުރުމުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ އެވެ.
މިދިޔަ އަހަރު އިންޑިއާގެ 167،000 ފަތުރުވެރިން ރާއްޖެ އައެވެ، އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 100 އިންސައްތައިގެ ކުރިއެރުމެކެވެ.
އޭގެ އިތުރުން ރާޢްޖޭގެ 80 އިންސައްތަ މީހުން ބޭސް ފަރުވާއަށް އެންމެ ގިނައިން ދަނީ އިންޑިއާއަށް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.