އެ އޮޕަރޭޝަނަކީ ކޮނޑު ހުޅު ނެއްޓިފައިވާ މީހުންގެ ކުރާ އޮޕަރޭޝަނެކެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ އޮޕަރޭޝަން ކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ ކަށީގެ ޑރ. އަހުމަދު އާޒިމެވެ. އަދި ރާއްޖޭގައި ކުރެވުނު ފުރަތަމަ އެ އޮޕަރޭޝަން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރެވިގެން ދިއުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ބުނެ އެވެ.
އޮޕަރޭޝަންކޮށްފައިވާ މީހާއަކީ އުމުރުން 70 އަހަރުގެ މީހެކެވެ. އެމީހާއަކީ 30 ފަހަރެއްގެ މަތިން ކޮނޑުހުޅު ނެއްޓިފައިވާ މީހެކެވެ. އޮޕަރޭޝަނަށް ފަހު ތިން މަސް ވަންދެން އެމީހާ، ޕިޒިއޮތެރަޕީ ވެސް ހަދަން ޖެހެ އެވެ.
ބިންދައިގެންދާ ކަށިތަކުގެ އޮޕަރޭޝަނާއި ހުޅު ބަދަލުކުރުން ފަދަ ކަށީގެ އޮޕަރޭޝަންތައް މީގެ ކުރިން ވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ކޮށްފައިވެ އެވެ.