ހައިލަމް ވިދާޅުވީ ގާޒީ އާދަމް މުހައްމަދަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގާބިލު ގާޒީ ކަމަށެވެ. އެހެންނަމަވެސް ޖޭއެސްސީން ކްރިމިނަލް ކޯޓު ހިންގުން ގާޒީ އަލީ ރަޝީދާ އަދި ގާޒީ އާދަމް މުހައްމަދާ ވެސް ހަވާލުކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށް ހައިލްމް ވިދާޅުވި އެވެ.
ދާއިމީ ފަނޑިޔާރުން ހަމަޖެހިފައި ނުވާ ކޯޓުތަކުގެ ހިންގުން ހަވާލު ކުރުމުމާއި ކޯޓު ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ، އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލްގައި ވަނީ، ކޯޓުގެ އިސް ފަނޑިޔާރު، ވަޒީފާއާ ބެހޭ ގާނޫނުން ލިބިދޭ ޗުއްޓީއެއްގައި ހުރުން ނުވަތަ ރަސްމީ މަސައްކަތަކަށް ވީއްލައިފައި ހުރުން ނުވަތަ ފަރުޟު ހައްޖާއި އުމްރާގެ ޗުއްޓީއާއި، ހައްގުވާ އެނޫން ވެސް ޗުއްޓީއެއްގައި ހުރުން އަދި ވަގުތީގޮތުން ޒިންމާ އިން އެކަހެރިވެފައި ހުރެއްޖެނަމަ އަމަލުކުރާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައެވެ.
އެގޮތުން އެ އުސޫލްގައިވަނީ އެފަދަ ހާލަތްތަކުގައި ކޯޓުގެ ހިންގުން ހަވާލުކުރަންޖެހޭނީ އެވަގުތު އެ ކޯޓުގައި ނުވަތަ އެ ދާއިރާއެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެ ތަނެއްގެ ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށެވެ.
އެކަމަށް ރިއާޔަށް ކުރައްވާ ހައިލަމް ވިދާޅުވީ ކޯޓު ހިންގުން ވަގުތީގޮތުން ހަވާލުކުރެއްވި ކަމަށް ހަވާލާދެއްވާފައިވާ މާއްދާއަކީ އިސްފަނޑިޔާރަކު އައްޔަންކުރުމުގެ ވާހަކަ ބަޔާންކުރާ މާއްދާއެއް ކަމަށާއި ހިންގުން ހަވާލުކުރުމުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރަށް އިސްކަންދިނުމަށް އުސޫލު ހެދުމަށްފަހު ޖޭއެސްސީން އަމަލުކުރަމުން ދަނީ އެ އުސޫލާ ހިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިއްޔެ ޑރ. މުހައްމަދު އިބްރާހިމާއި، އަލްއުސްތާޒު އަލީ ރަޝީދު ހުސައިން އައްޔަން ކުރެއްވީ އެދެބޭފުޅުން އައްޔަންކުރަން ފެންނަ ކަމަށް މިމަހުގެ ހަ ވަނަ ދުވަހު މަޖިލީހުން ފާސްކުރުމުން އިއްޔެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލްއުސްތާޒު އަލީ ރަޝީދު ހުސައިން އައްޔަނު ކުރެއްވުމާއި ގުޅިގެން ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓްގެ ހިންގުން އެ ކޯޓުގެ ގާޒީ އަލްއުސްތާޒު އާދަމް މުހައްމަދާއި ހަވާލުކުރުމަށް ނިންމާފަ އެވެ.
ނޮވެމްބަރު ފަސްވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދުއާ ހަވާލުކޮށްފައި ވަނީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި މިހާރު ހުންނެވީ އަހުމަދު މުއުތަސިމް އަދްނާނެވެ. ސުޕްރީމް ކޯޓުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝަތް ޝުޖޫން މުހައްމަދާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއް ސުއޫދު އެވެ.