ads
ފޮޓޯ: ސްޓެލްކޯ
ގްރޭޓާ މާލޭ ސަރަހައްދުގެ ކަރަންޓު ޔަގީންކުރަން ސްޓެލްކޯ އިން މުހިއްމު ފިޔަވަޅެއް!
މާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވެ، އިންތިހާ އަށް ތޮއް ޖެހިއްޖެ އެވެ. މީހުން ގިނަ ވަމުން އަންނަ ވަރަކަށް ހިދުމަތްތަކުގެ ޑިމާންޑް އިތުރުވުމަކީ ދުނިޔޭގެ އާދަ އެވެ. އެގޮތުން މާލޭގައި ކަރަންޓް ބޭނުން ކުރާ މިންވަރު ކޮންމެ އަހަރު ވެސް މި އަންނަނީ އިތުރުވަމުންނެވެ. އަދި އެއާއި އެކު މާލޭން ކަރަންޓް ކެނޑުމުގެ މައްސަލަތައް ވެސް އިތުރުވެއްޖެ އެވެ. ކަރަންޓް އަނބުރާ އަންނަން ގިނަ އިރުތަކެއް ވެސް ބައެއް ފަހަރަށް ހޭދަ ވެއެވެ. ދައްކަން މި އުޅެނީ މި މައްސަލަތަކުގެ ހައްލުގެ ވާހަ އެވެ؛ ސްޓެލްކޯ އިން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓް ވިއުގައަކުން ގުޅާލުމަށް ފަށާފައިވާ "ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް"ގެ ވާހަކަ އެވެ.

މާލޭން ކަރަންޓް ކެނޑުމުގެ މައްސަލަތައް ހައްލު ކުރުމަށް ސްޓެލްކޯ އިން ވަނީ އެތައް ޖަނަރޭޓަރުތަކެއް ބަހައްޓާފަ އެވެ. އެގޮތުން ސްޓެލްކޯގެ މާލޭ ބިމުގައި އިތުރު ޖަނަރޭޓަރެއް ބަހައްޓާނެ ޖާގަ ވެސް މިހާރު ނެތެވެ. އެތަން އޮތީ ފުރި ބާރުވެފަ އެވެ. އެހެންކަމުން ކައިރި ރަށެއްގައި އިންޖީނުގެ އެއް ހަދައި، ކަނޑު އަޑިން ކޭބަލް އަޅައިގެން މާލެ އަށް ކަރަންޓް ފޮނުވުމަކީ ވަރަށް ކުރިން ފެށިގެން ސްޓެލްކޯ އިން ގެންގުޅުނު ވިސްނުމެކެވެ. އެކަމަށް ހެދި ދިރާސާތަކަށް ފަހު، ޕްރޮޖެކްޓްގެ މަސައްކަތް ބުރަ ވެފައި، އިންތިހާ އަށް އަގު ބޮޑުވުމުން ކުރިއަށް ނުގޮސް މަޑުޖެހުނީ އެވެ.

އެކަމަކު ރައީސް ޔާމީނުގެ ސަރުކާރުން ސިނަމާލެ ބްރިޖް އަޅައި، މާލެ-ހުޅުލެ-ހުޅުމާލެ ގުޅާލުމާއި އެކު، ސްޓެލްކޯ އަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ދޮރު ހުޅުވިގެން ދިޔައީ އެވެ. އަދި 2016 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު، ޗައިނާގެ ޑޮންފަންގް އާ ހަވާލުކޮށްގެން އެ މަސައްކަތް ފެށިގެން ދިޔަ އެވެ. ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގުނު އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓަށް ވާއިރު، ސްޓެލްކޯ އިން ފަށާފައިވާ ފިފްތު ޕަވާ ޕްރޮޖެކްޓަކީ ރާއްޖޭގައި ހިންގާ ހަކަތައިގެ އެންމެ ބިޔަ ޕްރޮޖެކްޓެވެ.

މިހާރު މަސައްކަތް ފެށިގެން ބާރަށް ކުރިއަށް ދާ އެ ޕްރޮޖެކްޓުގެ ތެރެއިން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅުވާލަން އަޅާ ކޭބަލަކީ 100 މެގަވޯޓްގެ ކަރަންޓް ޓްރާންސްފާ ކުރެވޭ ވަރުގެ ކޭބަލް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެ ޕްރޮޖެކްޓަށް ބޭނުންވާ ބައެއް ސާމާނު ގެންނަން ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިހާރު ޓްރާންސްފޯމަރުތަކާއި ކޭބަލްތަކުގެ ބޮޑު ބައެއް ގެނެސްފައިވާ ކަމަށެވެ.

your imageރާއްޖެއަށް ގެނެސްފައިވާ ޓްރާންސްފޯމަރެއް--

މުޣްނީ ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ޖުމްލަ ހަ ޓްރާންސްފޯމަރު ބަހައްޓާނެ ކަމަށެވެ. އެއީ ކޮންމެ ރަށެއްގައި ދެ ޓްރާންސްފޯމަރެވެ. އަދި މިހާރު އެ ޓްރާންސްފޯމަރުތައް ބަހައްޓާ ސަރަހައްދުތައް ފާހަގަކޮށް، އެ އެއްޗެހި ބެހެއްޓުމަށް ތައްޔާރީތައް ފެށިގެން ކުރިއަށްދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިއީ މީގެ ކުރިން ރާއްޖެ އަށް ގެނެސްފައިނުވާހާ ބޮޑެތި ޓްރާންސްފޯމަރުތަކެއް ކަމަށް މުޣްނީ ވިދާޅުވި އެވެ. އެހެންކަމުން އެ އެއްޗެހި ރާއްޖެ އަށް ގެނެސްފައިވަނީ އެކަމަށް ހާއްސަ އުޅަނދެއްގައި، އަދި އެ އެއްޗެހި އުފުލަން ހާއްސަ އުޅަނދަކާއި ވެސް އެކުގައި ކަމަށް ވެއެވެ. އޭގެ އިތުރުން ބްރިޖް ހައިވޭގެ ޕޭމަންޓްގައި މިހާރު ބަހައްޓާފައި އެ ހުރި ބިޔަ ނަރު ރޯލުތަކަކީ މި ޕްރޮޖެކްޓަށް ގެނެސްފައިވާ ސާމާނެވެ.

your imageއެ ޕްރޮޖްކްޓަށް ބޭނުންވާ ސާމާނު--

މި ޕްރޮޖެކްޓްގައި 18 ކިލޯ މީޓަރުގެ ކޭބަލް އަޅާނެ އެވެ. އަދި މި ކޭބަލްތަކާއި އެކު ޒަމާނީ ފެންވަރުގައި މި ވިއުގަ އޮޕަރޭޓް ކުރެވޭ ގޮތަށް ވަރަށް ބޮޑަށް ސްޓެލްކޯ ކޮމްޕިއުޓަރައިޒް ވެސް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން ކަރަންޓް ކެނޑޭ ހިސާބުތަކަށް އަނބުރާ ކަރަންޓް ފޯރުކޮށްދިނުނަށް ނަގާ ވަގުތު އިންތިހާ އަށް ކުޑަ ކުރެވޭނެ އެވެ. އަދި މައްސަލަތައް ދިމާވާ ސަބަބު ދެނެގަނެވި، އެ ކަންކަން ހައްލު ކުރުމަށް ދާ ވަގުތުތައް ވެސް ކުޑަ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޕްރޮޖެކްޓްގެ މުގުލުގައި ވަނީ ހުޅުމާލޭގައި އަޅާފައިވާ ބޮޑު އިންޖީނުގެ އެވެ. އެގޮތުން އެ ތަނުން 50 މެގަވޯޓް އުފެއްދޭ އިރު، ހުޅުމާލެ އަށް މިހާރު ބޭނުން ވަނީ އޭގެ ތެރެއިން 15 މެގަވޯޓް ކަމަށް ވެއެވެ. އެހެންކަމުން މި ޕްރޮޖެކްޓް ނިމުމާއި އެކު އިތުރުވާ ބައި، ބޭނުންޖެހިފައިވާ މާލޭގެ ގްރިޑްތަކަށް ފޮނުވާލެވި، މާލޭގެ ޖަނަރޭޓަރު ތަކަށް މެދު ނުކެނޑި އެތައް އަހަރެއް ވަންދެން އަރަމުން އަންނަ ލޯޑަށް ހައްލު ހޯދޭނެ އެވެ.

your imageސްޓެލްކޯގެ އެމްޑީ، ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާނީ--

ޖުމްލަ 44 މިލިޔަން ޑޮލަރު ހޭދަކޮށްގެން ކުރިއަށް ގެންދާ މި ބިޔަ ޕްރޮޖެކްޓް ނިންމުމަށް ހަމަޖެހިފައި އޮތީ އަންނަ ނޮވެމްބަރު މަހުގައި ކަމަށް ވީނަމަވެސް، ކޮވިޑް-19 ގެ ސަބަބުން ބައެއް ސާމާނު ގެނެވުން ލަސްވުމާއި ގުޅިގެން މިހާރު މި ޕްރޮޖެކްޓް ނިމޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކުރީ ކޮޅު އެވެ. 

ސްޓެލްކޯ އިން ފައި ވިއްދާފައި ވަނީ މާލެ، ވިލިމާލެ އަދި ތިލަފުށި ގުޅުވާލަން މި ސަރުކާރުން މަސައްކަތް ފަށާފައިވާ ބްރިޖް ޕްރޮޖެކްޓް ނިމުމާއި އެކު، އެ ސަރަހައްދުގެ ކަރަންޓް ވިއުގަ ވެސް މީގެ ތެރެއަށް ގުޅުވައިލުމަށެވެ. އެހެންކަމުން އެ ފޭސް ނިމުމާއި އެކު ހުޅުމާލެ، ހުޅުލެ، މާލެ، ވިލިމާލެ، ތިލަފުށި ކަރަންޓް ވިއުގަ އޮންނާނީ ގުޅިފަ އެވެ. އަދި އެއިން އެއްވެސް ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ ނަމަ، ކަރަންޓް ލިބޭ ސަރަހައްދަކުން، އެ ސަރަހައްދަކަށް ހިދު ކޮޅެއްގެ ތެރޭގައި ކަރަންޓް ފޮނުވުމުގެ ގާބިލުކަން ލިބިގެން ދާނެ އެވެ. މިއީ މާލޭ ސަރަހައްދަށް ކަރަންޓް ޔަގީންވެ ކަށަވަރުވެގެން ދާނެ ކަމެއްކަން ޔަގީނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް