ads
މޯލްޑިވްސް މީޑިއާ ކައުންސިލް-- ފޮޓޯ: އެމްއެމްސީ
މީޑިއާ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު، މިއަހަރުގެ ޑިސެމްބަރު 11 ގެ ނިޔަލަށް ހަމަވާތީ، އެ ކައުންސިލަށް މެންބަރުން އައްޔަން ކުރުމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ހުޅުވާލާފައެވެ. އެއީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންނެވެ.

ހޯމް މިނިސްޓްރިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަށް ކަމަށެވެ. 

އެ މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލްގެ މަގާމުތަކަށް ވާދަކުރަން އެދޭ ފަރާތްތަކުން މިއަހަރުގެ ސެޕްޓެމްބަރު 21 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީގެ ވެބްސައިޓް ގައިވާ، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، އެ މިނިސްޓްރީގެ އީމެއިލް އަށް ހުށަހެޅުމަށާއި ހުށަހަޅާ ހުރިހާ ލިޔެކިޔުމެއްވެސް ހުންނަންވާނީ ޕީޑީއެފް ފޯމެޓަށް ކަމަށެވެ.

މިނިސްޓްރީން އާއްމުކުރި "މީޑިއާ ކައުންސިލަށް މެމްބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ވާގޮތުން މީޑިއާ ކައުންސިލްގެ މެމްބަރަކަށް އިންތިހާބުވާ މީހަކަށް އެ މަގާމުގައި ދެމިހުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްވެސް މެމްބަރަކަށް ވިދިވިދިގެން ދެދައުރު އަދާނުކުރެވޭނެ އެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މުޅި ޖުމުލަ 15 މެމްބަރުންގެ މައްޗަށެވެ. އެއީ މީޑިއާ ތަމްސީލުކުރާ އަށް މެމްބަރުންނާއި އާއްމުންގެ ތެރެއިން ހަތް މެމްބަރެކެވެ. 

މީޑިއާ ކައުންސިލަށް މެމްބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލްގައި ވާގޮތުން މީޑިއާ ކައުންސިލްގެ ހިނގަމުންދާ ދައުރު ހަމަވުމުގެ ތިން މަސް ދުވަސް ކުރިން މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީން އިއުލާން ކުރަންވާނެއެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމަށް މަދުވެގެން ރަސްމީ ބަންދުނޫން ހަތް ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރުމަށް ކެންޑިޑޭޓުން ހުށަހަޅާނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރި ފަރާތުން ކަމަށާއި ކޮންމެ މަސްއޫލު ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ކެންޑިޑޭޓް ކަމަށް އުސޫލުގައިވެ އެވެ. އަދި އާންމުންގެ ތެރެއިން ކުރިމަތިލާ ކެންޑިޑޭޓުންނަކީ މީޑިއާއާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތަކަށް ވެގެންނުވާނެކަމަށް ވެސް ބުނެފައިވެ އެވެ.

އެ އުސޫލު މިއަދު ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު ގަވާއިދުގައިވާގޮތުން އެ އުސޫލު ޝާއިއުކުރާ ދުވަހުން ފެށިގެން އުސޫލަށް އަމަލުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2014 ވަނަ އަހަރުގެ "މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާއި 2016 ވަނަ އަހަރު "މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އެއް ވަނަ އިސްލާހު ގެނައުމުގެ އުސޫލު" ބާތިލުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް