ads
ފިނޭންސް މިނިސްޓްރީ-- ފޮޓޯ: ރާއްޖެއެމްވީ
އިންކަމް ސަޕޯޓުގެ ގޮތުގައި 6000 އަށް ވުރެ ގިނަ މީހުންނަށް 59 މިލިއަން ރުފިޔާ ދީފި
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ހުޅުވާލި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 6000 އަށް ވުރެ ގިނަ މީހުންނަށް ޖުމްލަ 59.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ޖުމްލަ 59.1 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ 6،388 މީހަކަށެވެ. 

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ތައާރަފްކުރި މި އެލަވަންސްގެ ދެނީ ވަޒީފާ ނެތް މީހުންނަށާއި، ނޯ ޕޭ ލީވްގައި ތިބި މީހުންނާއި، މުސާރައިން ބައެއް އުނިކޮށްފައިވާ މީހުންނާއި، އާމްދަނީ ހޯދުމަށް ދަތިވެފައިވާ އަމިއްލަ ނުވަތަ ފްރީލާންސް މަސައްކަތް ކުރާ މީހުންނަށެވެ. 

އިންކަމް ސަޕޯޓުގެ ގޮތުގައި ފޯރުކޮށްދެނީ މުސާރަ ނުލިބޭ ފަރާތްތަކަށް 5،000 ރުފިޔާ އަދި މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެ އަދަދު ހަމަވާ މިންވަރެކެވެ. 

މި އެލަވަންސަށް ޝަރުތު ހަމަވުމަށް ކުރިމަތިލާ ފަރާތްތަކުން 01 ޑިސެމްބަރ 2019 އާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހެއް ކަމުގައި ވާން ޖެހެ އެވެ. މާޗް މަހު ދޭން ފެށި އެލަވަންސް މި މަހުގެ ނިޔަލަށް ދޭނެ އެވެ. 

މި އެލަވަންސަށް ކުރިމަތިލާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް