
ގައްޒާގައި ބަންދުކޮށްފައިތިބި 20 އަސީރުން މިހާރުން މިހާރަށް ދޫކޮށްލުމަށް ޓްރަމްޕްވަނީ ގޮވާލައްވާފައެވެ.
އޭނާގެ ސޯޝަލް މީޑިއާ ކުންފުނި ކަމަށްވާ ޓްރޫތު ސޯޝަލްގައި ލިޔުއްވަމުން ޓްރަމްޕް ވިދާޅުވީ، އަސީރުން ދޫކޮށްލައިފިނަމަ "ކަންތައްތައް ވަރަށް އަވަހަށް ބަދަލުވެދާނެ" ކަމަށާއި "މިކަން ނިމިގެންދާނެ" ކަމަށެވެ.
މިގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކާ ގުޅިގެން 250 ވަރަކަށް މީހުން ގައްޒާޔަށް އަސީރުކޮށްފައިވެއެވެ. އިޒްރޭލުން އަންދާޒާ ކުރާ ގޮތުގައި މިހާރުވެސް ގައްޒާގައި 50 އިޒްރޭލުގެ އަސީރުން ތިބި ނަމަވެސް، އޭގެ ތެރެއިން ދިރިހުރިކަމަށް ބެލެވެނީ 20 މީހުންނެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގައްޒާގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަމަލާތަކުގައި ގާތްގަނޑަކަށް 64,000 ފަލަސްތީނުގެ ރައްޔިތުން ޝަހީދު ވެފައިވާއިރު، އެ ސަރަހައްދުވަނީ ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިވެފައެވެ.
މިކަމާ ގުޅިގެން ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ ގާނޫނީ ފިޔަވަޅުތަކެއް އަޅާފައެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިޒްރޭލުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހޫއާއި، ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގައްލަންޓް ހަނގުރާމަވެރި ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ކުށްތަކުގެ ދަށުން ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވަނީ އިޒްރޭލުން ގައްޒާގައި ނަސްލު ނައްތާލުމުގެ ދަޢުވާއެއްވެސް ކޮށްފައެވެ. މިދިޔަ މާރިޗު މަހު ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން އިޒްރޭލުން މުގުރާލުމަށްފަހު، ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ކުރި މަސައްކަތްތައް މިހާތަނަށް ކާމިޔާބުވެފައިނުވެއެވެ.