ads
ނ. މަނަދޫ-- ފޮޓޯ: މަނަދޫ ކައުންސިލް
އުސޫލާ ހިލާފަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން، ބޮޑު ބިރުވެރިކަމެއް!
ކޮވިޑް-19 ބަލިމަޑުކަން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ދަނީ ފެތުރެމުންނެވެ. ގިނަ ރަށްރަށުގައި ޕޮޒިޓިވްވެފައި ވަނީ މާލޭގައި އުޅުމަށް ފަހު އެނބުރި ރަށަށް ގޮސް، ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. ހިތާމައަކީ ކަރަންޓީނުގައި ތިބެން ޖެހޭ މީހުން ބޭރު ތެރެއަށް ނިކުމެ އުޅެނިކޮށް ޕޮޒިޓިވްވާ މައްސަލަ ބައެއް ރަށްތަކުގައި ދިމާވަމުންދާ ކަމެވެ.

އެންމެ ފަހުން އައި މިފަދަ މައްސަލައަކީ ނ. މަނަދޫއިން ޕޮޒިޓިވްވި މީހެއްގެ މައްސަލަ އެވެ. އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ދިވެހި ފިރިހެން މީހާގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން، ނެގި ސާމްޕަލް ޕޮޒިޓިވްވުމުން ބެލިއިރު، އެމީހާ ގެއަކު ނެތެވެ. ފުލުހުން އޭނާ ހޯދާފައި ވަނީ ބަޔަކާ އެކު ފީނަން ގޮސް އުޅެނިކޮށެވެ. 

އެ ރަށު ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީގު އިއްޔެ ސީއެންއެމަށް ވިދާޅުވީ އެމީހާގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު، އޭނާ ނ. މާފަރަށް ގޮސްފައިވާކަން ވެސް ފާހަގަކުރެވުނު ކަމަށާއި، އެ ރަށުން މީހަކާ ކޮންޓެކްޓުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މަނަދޫއިން 11 މީހުން ކަރަންޓީން ކުރަން ޖެހިފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހާ ނަތީޖާ ނުލިބެނީސް ބޭރު ތެރޭގައި އުޅުމުން ކަމަށެވެ. 

އެމީހާ ރަށު ތެރޭގައި އުޅެ، ހުކުރަށް ގޮސް ހެދުމުން، ރަށު ތެރެއަށް ބަލި ފެތުރިފައި ވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. ފުރަބަންދު ހޯމް ކަރަންޓީނުގައި އަމަލުކުރަން އެޗްޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލަކީ 14 ދުވަސް ވުމުން ސާމްޕަލް ނަގައި ނަަތީޖާ ލިބެންދެން މަޑުކުރުމެވެ. ކަރަންޓީނު ނިމުމަކަށް އަންނާނީ ސާމްޕަލް ނެގެޓިވްވުމުންނެވެ.

އެ އުސޫލާ ހިލާފުވުމުން ފުލުހުން ވަނީ އެމީހާ ޖޫރިމަނާކޮށްފަ އެވެ. އޭނާ މިހާރު ހުރީ ހޯމް އައިސޮލޭޝަންގަ އެވެ. އެ މައްސަލަ ނޫނަސް ގިނަ މިކަހަލަ މައްސަލަތަކެއް ރަށްރަށުން ވަނީ ފެންމަތިވެފަ އެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމުން ވެސް ރަށްރަށަށް ދިޔުމުން މީގެ ކުރިން ވަނީ އެތައް ބަޔަކު ހައްޔަރުކޮށް ފިޔަވަޅު އަޅާފަ އެވެ. 

މި ފަހުން އައި މިފަދަ މައްސަލައަކީ ގދ. މަޑަވެލި މޮނިޓަރިންގައި އޮއްވާ ރަށުން ފައިބައިގެން އެހެން ރަށަކަށް ދިޔަ މީހެއްގެ މައްސަލަ އެވެ. އެޗްޕީއޭގެ ހުއްދަ ނުހޯދާ މަޑަވެލިން ބ. ދޮންފަނަށް ދިޔަ 29 އަހަރުގެ އެ މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މިކަހަލަ ބައިވަރު ހާދިސާ ކޮވިޑް-19 ރާއްޖެއަށް އައި ފަހުން ހިނގާފައި އެބަ ވެއެވެ. 

މިފަދަ ހާދިސާތައް ހިނގުމުން ކޮންމެ ފަހަރަކު މީހަކު ހައްޔަރުކޮށް، ފިޔަވަޅު އެޅުމުން ނުފުދެ އެވެ. އުސޫލާ ހިލާފަށް އަމަލު ކުރާ މީހުންގެ ސަބަބުން ނުރައްކަލަށް ހުށަހެޅެނީ އެތައް ބައެއްގެ ފުރާނަ އެވެ. ތިމާގެ އަމިއްލަ ނަފްސާ މެދު ނުވިސްނިއަސް އަނެކާއާ މެދު ނުވިސްނަނީ ކީއްވެ ހެއްޔެވެ؟ މެދުކެނޑުމެއް ނެތި ސިއްހީ ހިދުމަތުގައި ތިބި ފްރަންޓްލައިން މަސައްކަތްތެރިންނާއި ރާއްޖޭގެ ބަލިކަށި ސިއްހީ ނިޒާމާ މެދު ނުވިސްނަނީ ކީއްވެ ހެއްޔެވެ؟ 

މިއީ ހިތާ ހިތާ ކޮށްލުން ރަނގަޅު ސުވާލުތަކެކެވެ. ގޮތް ނޭނގޭ ބަލިމަޑުކަމެއް މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކި އެންމެން އުޅެން ފަށައިފި ނަމަ، މިކަން ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ އެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އުސޫލަށް ތަބާވެ، އަނެކާގެ ރައްކާތެރިކަން އިސްކުރަމާ ހިނގާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް