ads
މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން--
ފަނޑިޔާރު ސުއޫދުގެ ސުވާލު ދައުލަތަށް: މުޅި މިލްކިއްޔާތު ފްރީޒްކުރަން އެދެވިދާނެތޯ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މުޅި މިލްކިއްޔާތު ފްރީޒް ކުރެވިދާނެތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ސުވާލަށް ދައުލަތަށް ޖަވާބެއް ނުދެވުނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓުތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލަމުންދިޔަ ފަނޑިޔާރުންގެ ބެންޗް ބަދަލުވުމާއި ގުޅިގެން ބޭއްވި އަޑުއެހުމެކެވެ. 

މިއަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ އިސްފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދެ ފަރާތުން ފާހަގަކުރުމަށް ހުރި ކަންކަން ފާހަގަކުރުމަށް ފުރުސަތު ދީފައެވެ. އެގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރެވުނީ މަނީލޯންޑްރިންގެ ކުށުގެ ދަށުންކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ހައިކޯޓުން ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލުމުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރިއިރު ވަގުތީ އަމުރަކަށް ވެސް އެދިފައިވާނޭ ކަމަށާއި، ވަގުތީ އަމުރަކަށް އެދުނީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ގެއްލިދާނެތީކަން ފާހަގަކުރެއްވި އެވެ. 

މިމައްސަލައިގައި ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވާހަކަ ދައްކަވަމުން ވިދާޅުވީ މައްސަލައިގައި ވާހަކަ ދައްކަންޖެހެނީ ނުލިބޭ ޑޮކިއުމެންޓްސް ތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި ދިފާއު ބިނާކުރުމަށްޓަކައި ލިޔެކިޔުން ބޭނުންވާކަން ފާހަގަކުރެއްވި އެވެ. މިއާއި އެކު ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އެ ލިޔެކިޔުން ދިފާއީ ވަކީލަށް ފޯރުކޮށްދިނުމަށް ދައުލަތުގެ ވަކީލުންނަށް އަންގަވާފައެވެ. ޝިޔާޒް ވިދާޅުވީ މައްސަލައިގައި އެމްއެމްއޭއިން ފުލުހަށް ފޮނުވި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް)ގައި އޮތް އެއްޗެއް އިނގެން ބޭނުންވާކަމަށެވެ. އަދި ކަމާ ނުގުޅޭ އެކައުންޓްތަކެއް ފްރީޒް ކުރުމަށް އެދުނު ގޮތެއް ދައުލަތަށް ބުނެދެވިފައިނުވާކަމަށެވެ. 

މައްސަލަ އާއި ގުޅޭގޮތުން ކޯޓްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހައްޤުތައް ގެއްލިގެން ދާއިރު އެސްޓީއާރްގައި އޮތް އެއްޗެއް އިނގެން ބޭނުންވާކަމަށެވެ. އަދި އެސްޓީއާރްއަކީ ސިއްރު ލިޔުމެއް ނޫންކަމަށާއި، މި މައްސަލައިގައިވެސް އެކި ފަރާތްތަކުގެ އަތައް އެ ލިޔުން ގޮސްފައިވާ ކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އެކައުންޓް ފްރީޒް ކުރަންވާނި މޮނީޓަރިން އަމުރަކަށްފަހު ޝައްކުކުރެވޭފަދަ ކަމެއް ހިނގާ ނަމަކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ މޮނީޓަރިންގެ އަމުރަކާވެސް ނުލާކަމަށެވެ. 

"އަޅުގަނޑަކީ އާދައިގެ ފަރުދެއް. އަނެއްކޮޅުގައި އޮތީ ދައުލަތް." ރައީސް ޔާމިން ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މައްސަލައަށް ތައްޔާރުވުމަށް އެމަނިކުފާނަށް ލިޔެކިޔުން ބޭނުންވާ ކަމަށެވެ. އަދި އެކައުންޓްތައް ފްރީޒް ކުރިއިރު އޭސީސީއިން ދީފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށާއި، އެފައިސާ ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ އެކައުންޓެއް ފްރީޒް ކުރަންނުޖެހޭ ކަމަށެވެ. 

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެސްޓީއާރްއަކީ ތަހުގީގެއްކޮށްގެން ނިކުންނަ އެއްޗެއް ނޫންކަމަށާއި، އަދި އެއީ ތަހުގީގީ ނަޒަރަކުން ތައްޔާރުކުރާ އެއްޗެއްވެސް ނޫންކަމަށެވެ. އަދި އެސްޓީއާރްއަކީ ތަހުގީގީ ބުރަދަނެއް ހުރި އެއްޗެއްވެސް ނޫންކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރީ ތައުގީގީ އިދާރާގެ ތަހުގީގަކަށް ބިނާކޮށްގެން ނޫންކަމަށާއި، އެކަން ކުރީ ކުރެވުނު ތުހުމަތެއްގެ މައްޗަށް ކަމަށެވެ. 

މި މައްސަލައާއި ގުޅިގެން ފަނޑިޔާރު ސުއޫދު ވަނީ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް)ވެސް ދިފާއީ ވަކީލުންނަށް ދިނުމަށް ދައުލަތުގެ ވަކީލުންނަށް އަންގާފައެވެ. 

ފަނޑިޔާރު ސުއޫދުގެ ސުވާލު ދައުލަތަށް: މުޅި މިލްކިއްޔާތު ފްރީޒްކުރަން އެދެވިދާނެތޯ؟

މިމައްސަލަ އާއި ގުޅިގެން ދައުލަތުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ރައީސް ޔަމީންގެ އަށް އެކައުންޓެއް ފްރީޒް ކޮށްފައިވެ އެވެ. މިކަމާއި ގުޅޭގޮތުން ފަނޑީޔާރު ސުއޫދު ވަނީ މުޅި މިލްކިއްޔާތު ފްރީޒް ކުރުމަށް އެދެވިދާނެތޯ ދައުލަތާއި ސުވާލުކޮށްފައެވެ. އަދި އަމިއްލަ ހަރަދުތައް ކުރުންފަދަ ކަންކަން ބަންދުކުރެވޭގޮތަށް އަމުރަކަށް އެދެވިދާނެތޯވެސް ސުވާލު ކުރިއެވެ. ޖަވާބުގައި ދައުލަތުގެ ވަކީލާވަނީ މަނީލޯންޑްރިންގެ ގާނޫނުގެ 62 ވަނަ މާއްދާއާއި ހަވާލާ ދެއްވާ އެފަދަ އަމުރެއް ނެރެވިދާނެ ކަމަށް ވިދާޅުވެފައެވެ. އެޖަވާބާއި ގުޅިގެން ފަނޑިޔާރު ސުއޫދު ވަނީ އިތުރު ފައިސާތަކެއް ބަންދުކުރަންޖެހުނު ގޮތާއި އިތުރު ފައިސާތަކަކާއި މެދު ސުވާލު އުފެދުނު ގޮތާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. 

ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މައްސަލަ ތަހުގީގުކުރި ފުލުހުންގެ އިންވެސްޓިގޭޓިން އޮފިސަރު ވިދާޅުވީ ތަހުގީގު ފެށީ އެއް މިލިއަން ޑޮލަރާއި ގުޅިގެން ކަމަށާއި، އޭސީސީއަށް ޖަމާ ކުރަންޖެހޭ ފައިސާ އެހެން ފަރާތެއްގެ އަތުން ހޯދުމަށްފަހު އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ. އަދި ޝައްކުކުރެވޭ ފައިސާ ސޭވިން އެކައުންޓަކަށް ޖަމާކުރި ކަމަށެވެ. އެޖަވާބާއި ގުޅިގެން ފަނޑިޔާރު ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އެހިސާބުން ކަނޑައެޅިފައިވޭނުންތޯ އާއި އިތުރު ފައިސާތަކެއް ހިފަހައްޓަން އެދެނީ ކޮން އުސޫލަކުންތޯ ސުވާލު ކޮށްފައެވެ. އޭގެ ޖަވާބުގައި ފުލުހުންގެ އިންވެސްޓިގޭޓިން އޮފިސަރު ވިދާޅުވީ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ މުސާރައާއި ނުބައްދަލު މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށެވެ. އެއާއި އެކު ފަނޑިޔާރު ސުއޫދުވަނީ އެވާހަތައް އަމުރަށް އެދުނުއިރު ފާހަގަކޮށްފައިނުވާ ކަމަށް ވިދާޅުވެ އެވާހަކަތަކަކީ "ހިތުގައި އޮތް އެއްޗެއް" ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ފުލުހުންގެ އިންވެސްޓިގޭޓިން އޮފިސަރު އެއްވެސް އެއްޗެއް ވިދާޅުނުވުމުން ފަނޑިޔާރު ސުއޫދު ވަނީ ޝަރީއަތަށް ތައްޔާރުވެގެން ދެން އަންނަދުވަހުން އައުމަށް އެދިފައެވެ. 

ފުލުހުންގެ އިންވެސްޓިގޭޓިން އޮފިސަރުގެ ޖަވާބުތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވަކިއަދަދަކަށް އަތުގައި ފައިސާ ހުރުން ގާނޫނުގައި މަނާނުކުރާ ކަމަށެވެ. އަދި މުއާމަލާތްތަކާއި ގުޅޭގޮތުން ފުލުހުން ސުވާލުކޮށްފައިނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ވިދާޅުވީ މުސާރައަކީ ހަމައެކަނި ލިބޭ އާމްދަނީކަމަށް ބަލައިގެން އަމުރަށް އެދިގެންނުވާނެ ކަމަށާއި، އެމަނިކުފާނަށް ލިބިފައިވާ ފައިސާ ސާބިތުވެސް ކޮށްދީފައިވާކަމަށާއި، އެމަނިކުފާނުގެ ގެދޮރު ކުށްޔަށް ދީގެން އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. 

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވަނީ ދެން އަޑުއެހުމެއް ބާއްވާނޭ ތާރީހު އިއުލާނު ކުރައްވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް