ގެސްޓްހައުސް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ޒޫމް މެދުވެރިކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީން ގެސްޓްހައުސްތަކަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ އިތުރު ސްޓިމިއުލަސް ޕެކޭޖްތައް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ޕެކޭޖްތަކަކީ ގެސްޓްހައުސްތަކުގެ މެއިންޓޭނަންސަށް ހާއްސަކޮށްގެން ނެރޭ ޕެކޭޖްތަކެއް ކަމަށެވެ.
މީގެ އިތުރުން ޔޫޓިލިޓީ ބިލްތައް ދެއްކުމާއި ޓެކްސް ދެއްކުމުގައި ގެސްޓްހައުސްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް މިނިސްޓްރީން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
އެ ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު ގެސްޓްހައުސް ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވިއިރު، ބައިވެރިން ވަނީ ގެސްޓްހައުސްތަކަށް ދިމާވެފައިވާ ގިނަ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރާ ހިއްސާކޮށްފަ އެވެ.
ގެސްޓުހައުސްތައް ހުޅުވަން އަންނަ މަހު 15 ގައި ހަމަޖެހިފައިވީ ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަ މަހު 15 ގައި ނުހުޅުވަން ވަނީ ނިންމާފަ އެވެ.
މާލެ ސަރަހައްދުގައި ގެސްޓު ހައުސްތައް ހުޅުވަން ގޮތެއް ނިންމާނީ ކޮވިޑް ކޭސްތައް ފަސް އިންސައްތަ ދަށްވުމުން ކަމަށް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުނަށް ފަހު ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާފައި ވަނީ ޖުލައި 15 ގައެވެ.
އޭރު ފަތުރުވެރިން ގެނައުމުގެ ހުއްދަ ދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ ކުރި ރިސޯޓުތަކާއި ސަފާރީތަކަށެވެ.
ގެސްޓުހައުސްތައް ފަޅުކޮށް ހުރުމުގެ ސަބަބުން 30 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިން ވަނީ ބުނެފަ އެވެ.