ފިޔާ ސަޕްލައިގެ ދަތިކަމާ ގުޅިގެން އިއްޔެއިން ފެށިގެން އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ޓުޓިކޮރިން އާއި ކޮޗިން އިން މެދުނުކެނޑި ރާއްޖެއަށް ފިޔާ ސަޕްލައި ކުރަމުން ދާނެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ޑިރެކްޓަ ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ބުނެފައި ވަނީ ހާލަތަށް ރިއާޔަތްކޮށް ތަކެތި އެކްސްޕޯޓް ކުރުން މަނާ ކުރި ނަމަވެސް ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އަބަދުވެސް މެދުނުކެނޑި ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށެވެ.
އިންޑިއާއިން އެ ޔަގީންކަން ދީފައިވާއިރު، ކޮޗިން އާއި ރާއްޖެއާ ދެމެދު މި މަހު ފަށާ ކާގޯ ފެރީ ސާވިސްގެ ސަބަބުން ޒަރޫރީ ތަކެތީގެ ސަޕްލައި މެދުނުކެނޑި ރާއްޖޭގައި ދެމެހެއްޓޭނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކާގޯ އާއެކު އެ ފެރީ މި މަހުގެ 26 ގައި ކުޅުދުއްފުށީގައި ބަނދަރު ކުރާނެ އެވެ. އަދި މާލެއަށް އަންނާނީ މި މަހުގެ 28 ގައެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ އެ ކާގޯ ފެރީގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓު އިތުރު ކުރަން އެހީއަކަށް ވާނެ ކަމަށާއި، މަހުގެ ބާވަތްތަކާއި އުފެއްދުންތައް އިންޑިއާ އާއި ޔޫރަޕަށް ފަސޭހަކޮށް ބޭރު ކުރެވޭނެ ކަމަށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖޭޝަންކަރު ވަނީ ދެގައުމުގެ އިގްތިސޯދީ ގުޅުމާ ބެހޭ ގޮތުން މިދިޔަ އޮގަސްޓް މަހު މަޝްވަރާ ކުރައްވާފަ އެވެ.
އިންޑިއާއިން ވަނީ ރާއްޖެއަށް އެކްސްޕޯޓް ކުރާ ފިޔާ، އަލުވި، ހަނޑޫ، ގޮދަން ފުށް، މުގު އަދި ބިސް ފަދަ ތަކެތީގެ ކޯޓާ އިތުރުކޮށްފަ އެވެ.
އެގޮތުން މި އަހަރުގެ ފިޔާގެ ކޯޓާ ވަނީ 29،605 މެޓްރިކް ޓަނަށް އިތުރު ކުރެވިފަ އެވެ. ފާއިތުވެ ދިޔަ އަހަރުގެ ކޯޓާ ކަމަށްވާ 25،744 މެޓްރިކް ޓަނާއި އަޅާ ކިޔާއިރު މިއީ 15 އިންސައްތަ އިތުރު އަދަދެކެވެ.
މީގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެތީ، މި އަހަރުގެ މެއި މަހު އިންޑިއާއިން ވަނީ 580 ޓަނުގެ ކާޑުގެ ބާވަތްތައް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.