ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
މަސައްކަތް ކުރަމުން ދަނީ ޑިމޮކްރަސީގެ ހަމަތައް ހިފަހައްޓަން: ރައީސް ސޯލިހް
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޑިމޮކުރަސީން ކަށަވަރުކޮށްދޭ ބައެއް ހައްގުތައް އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްއެޅިފައި ވީ ނަމަވެސް، ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައެވެ.

އެމަނިކުފާނުގެ ހިތާބުގައި ޑިމޮކުރަސީ ދުވަސް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މަގްސަދުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގްސަދަކީ ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި، އެކަމަށް މަގު ފަހިކޮށްދިނުމާއެކު ދައުލަތް ހިންގުމުގެ ކަންކަން، ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒިންމާދާރުކަމާއެކު ކުރަމުން ގެންދިއުމަށް ބާރުއެޅުމަށް ކަމުގައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ގައުމަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، މި ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކޮންމެ ފަރުދަކަށް ލިބިދީފައިވާ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ހައްގަށް އުނިކަމެއް އަޔަނުދީ، އެ ހައްގު ރައްކާތެރިކޮށްދެއްވުން ކަމުގައެވެ.

މި އަހަރުގެ ޑިމޮކުރަސީ ދުވަސް ފާހަގަކުރާ މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ގައުމުތަކުގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް ހުއްޓިފައިވާ ދުވަސްވަރެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، ޑިމޮކުރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ ގުނަންތައް އެކުގައި މަސައްކަތްކުރުމަށާއި، ފަރުދީ ފެންވަރުގައާއި ޖަމާއާތުގެ ފެންވަރުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ސޯލިހްގެ ހިތާބު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ ޑިމޮކުރަސީގެ ފުރިހަމަ މަންފާތައް ހޯދުމަށް، ކޮވިޑް-19 ގެ ނުރައްކަލުން ވީ އެންމެ އަވަހަކަށް މިންޖުވުމަށް މަސައްކަތްކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ފަރުދީ ޒިންމާގެ އިސްކޮށް އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަށް ސަމާލުކަން ދިނުމަށް ރައީސްގެ ހިތާބުގައި އެދިވަޑައިގެންނެވިއެވެ. އަދި، އިގްތިސާދަށް ދިރުން ގެނައުމަށް ވެސް، ކޮވިޑް-19 އާއި ދެކޮޅަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައި ވެއެވެ.

ރައީސް ވަނީ ދިވެހި ރައްޔިތުންގެ އިތުރުން ޑިމޮކުރަސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށާއި، އަމިއްލަ ޖަމުއިއްޔާތަކާއި ޖަމާއަތްތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް