ads
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް--
ކޮވިޑާ ގުޅޭ ހަރަދުތައް ޕްލޭނިން އިން ކުރީ ރަނގަޅަށް
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ކޮވިޑާއި ގުޅިގެން ކުރި ހުރިހާ ހަރަދުތަކަކީ ވެސް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކުރި ހަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ކުރި ހަރަދުތަކާއި ގުޅިގެން އޮޑިޓާ ޖެނަރަލް އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮވިޑް-19 އާ ގުޅިގެން ހަރަދުކުރުމަށް 38.4 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ. 

އޭގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ ފަރާތުން ކުރިއިރު ހއ. އިހަވަންދޫ ހޮސްޕިޓަލްގައި ގާއިމްކުރެވުނު ފެސިލިޓީގެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 556،736 އެވެ. އަދި 30 ޖޫންގެ ނިޔަލަށް އެތަނަށް ކުރި ހަރަދުގެ ޖުމްލަ އަގަކީ 528،899 އެވެ. 

ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމްކުރެވުނު ފެސިލިޓީގެ އަގު 12.4 މިލިއަނުގައި އުޅޭއިރު އެތަނަށް ކުރި ހަރަދުގެ އަގު އުޅެނީ ނުވަ މިލިއަނުގަ އެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލްގައި ގާއިމްކުރެވުނު ފެސިލިޓީގެ އަގު 13.1 މިލިއަނުގައި އުޅޭއިރު އެތަނަށް ކުރި ހަރަދުގެ އަގަކީ 8.7 މިލިއަނެވެ. 

އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކުރެވުނު ފެސިލިޓީއަށް 2.5 މިލިއަން ކަނޑައަޅާފައިވާއިރު އެތަނަށް ކުރި ހަރަދުގެ އަގު އުޅެނީ 2.4 މިލިއަނުގަ އެވެ. އަދި 5.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ދަށުން ގއ. އަތޮޅު ހޮސްޕިޓަލްގައި ފެސިލިޓީއެއް ގާއިމުކުރިއިރު އެތަނުގެ ހަރަދަކީ 3.4 މިލިއަން ރުފިޔާ އެވެ. 

ޏ. އަތޮޅު ހޮސްޕިޓަލްގައި ގާއިމްކުރެވުނު ފެސިލިޓީގެ ޖުމްލަ އަގު 305،247 ގައި އުޅޭއިރު އެތަނަށް ކުރި ހަރަދުގެ އަގު 289،984 އަށް އަރަ އެވެ. އޭގެ އިތުރުން، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކުރީ 2.4 މިލިއަން ރުފިޔާ އަށެވެ. އަދި 30 ޖޫންގެ ނިޔަލަށް އެތަނަށް ކުރި ހަރަދުގެ އަގު 2.3 މިލިއަނަށް އަރަ އެވެ. އެހެނިހެން ހަރަދުގެ ގޮތުގައި 25،493 ރުފިޔާ ހޭދަކޮށްފައިވެ އެވެ. 

އެގޮތުން މައިގަނޑު ގޮތެއްގައި ރާއްޖޭގެ އެ ހަތް ސަރަހައްދުގައި ފެސިލިޓީތައް ހެދުމަށް 36.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެތަންތަނަށް ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރި ހަރަދު، 26.8 މިލިއަނަށް އަރަ އެވެ. އަދި ހަރަދުކުރުމަށް ކަނޑައެޅި ބަޖެޓުން ބާކީ ހުރީ 11.6 މިލިއަން ރުފިޔާ އެވެ. 

އެހެންކަމުން، ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން އެކެއް ޖެނުއަރީ އިން 30 ޖޫންގެ ނިޔަލަށް ކުރި ހަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް