އެންޑީއެމްއޭ އިން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ ހަރަދު ތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލިމީހުން ބޭތިއްބުމާށް ސަރުކާރުން ބައެއް ރިސޯޓުތައް ނަގާފައިވާ ކަމަށެވެ. މި ގޮތުން އެއްބަސްވެފައި ވަނީ ބޭނުންކުރާ ކޮންމެ ކޮޓަރިއަކަށް ދުވާލަކަށް 750 (ހަތް ސަތޭކަ ފަންސާސް ރުފިޔާ) ގެ ރޭޓުން އިތުރު އެއްވެސް ކަމަކަށް ދައުލަތުން ޚަރަދުކުރަން ނުޖެހޭގޮތަށެވެ. ނަމަވެސް އެއިގެ ތެރެއިން ރިސޯޓަކުން ޓީ.ޖީ.އެސް.ޓީ އަށްވާ %12 ހިމެނޭގޮތަށް، ދުވާލަކަށް 840 (އަށް ސަތޭކަ ސާޅީސް) ރުފިޔާގެ ރޭޓުން ބިލްކޮށްފައިވާއިރު، އެ ރޭޓުން އެ ފަރާތްތަކަށް ފައިސާ ދައްކާފައި ވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
އެންޑީއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ އެއްބަސްވެފައިވާ ރޭޓަށް ވުރެ ބޮޑަށް ރިސޯޓަކަށް ހަރަދު ކޮށްފައިވާ ކަމަށް ބުނާ ރިސޯޓަކީ މަލަހިނި ކުޑަބަނޑޮސް ކަމަށާ އެރިސޯޓަށް ފައިސާ ދައްކާފައިވާނީ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.
ހިސާން ވިދާޅުވީ ކުޑަބަނޑޮހަކީ ކޮވިޑް19 އާއި ގުޅިގެން ގާއިމް ކުރެވިފައިވާ ފެސިލިޓީތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިސޯޓް ފެސިލިޓިއެއްގެ ގޮތުގައި ހަމަޖެއްސި ރިސޯޓު ކަމަށެވެ. އެގޮތުން ކުޑަބަނޑޮސް ނެގި އިރު އެ ރިސޯޓާ ޓުއަރިޒަމް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީއެއް އެންޑީއެމްއޭ އަށް ލިބިފައިވާ ކަމަށާ އޭގެ ކޮޕީއެއް އޮޑިޓް އޮފީހާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
އޮޑީޓް ރިޕޯޓުގައި ފަހަގކޮށްފަިއވ ގޮތުން އެއްބަސްވެފައިވާ 750 ރުފިޔާގެ އިތުރުން ޖީއެސްޓީ ހިމަނައިގެން 840 ރުފިޔާގެ ރޭޓުން އެރިސޯޓަށް ފައިސާ ދައްކާފައިވާކަން ފާހަގަ ކޮށްފައިވީ ނަމަވެސް އެގޮތަށް ފައިސާ ދައްކާފައިވަނީ ޓުއަރިޒަމް މިނިސްޓްރީ އާއި އެރިސޯޓާ ދެމެދު ހެދި އެއްބަސްވުމުގައިވާގޮތަށް ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމުގައި ރޭޓުތަކާއި ނަގާނީ ކޮން ޗާޖުތަކެއްކަންވެސް ވަރަށް ސާފު ކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
އެހެންވީމާ ޓުއަރިޒަމް މިނިސްޓްރީއާއި އެރިސޯޓައި ދެމެދު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަކަށްވެސް ހިލާފުވެފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ޖީއެސްޓީގެ ގޮތުގައި ހިމަނާ ދެއްކި ފައިސާ އަކީ އަލުން އަނބުރާ ދައުލަތަށް ލިބޭނެ އެއްޗެއް ކަމުން މިއީ ދައުލަތަށް ގެއްލުންވާ ގޮތަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސަން ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ފެސިލުިޓީތައް ހެދުމަށް އިތުރު ރިސޯޓުތައް ނެގުމުން އެކަން ފާހަގަކުރެވުނު ކަމަށާ އެހެންވެ ކުރިން ކުޑަބަނޑޮހާ ޓުއަރިޒަމް މިނިސްޓްރީއާއި ދެމެދު ހެދި އެއްބަސްވުން އިސްލާހުކޮށް ދެވަނަ އެއްބަސްވުމެއް ހަދާ 750 ރުފިޔާގެ ރޭޓަށް އެގްރިމެންޓު އައު ކޮށް ފަހުގެ ހުރިހާ ޕޭމަންޓެއްވެސް އެންޑީއެމްއޭ އިން ދައްކާފައިވާނީ ފަހުން ހެދި އެގްރިމަންޓުގައި ވާގޮތަށް 750 ރުފިޔާގެ ރޭޓުން ކަމަށެވެ.
އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެހެންކަމުން އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް، ޖުމްލަ 206,280 (ދުއިސައްތަ ހަ ހާސް ދުއިސައްތަ އަށްޑިހަ) ރުފިޔާ ޚަރަދު ކޮށްފައިވާކަމަށެވެ.