ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭއިން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކާއި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ކާގޯ ފެރީގެ ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައި ކަމަށާއި އެކްސްޕޯޓް ކުރާ ފަރާތްތަކާއި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން އެބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވެބިނާ ރަޖިސްޓްރެޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެދޭކަމަށް އެ ކޯޕަރޭޝަން އިން ބުނެ އެވެ. އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ 14:00 ފެށިގެން 15:00 އާހަމަށެވެ.
ވެބިނާ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ އެ ބައްދަލުވުމުގައި އިންޑިއާ ހައި ކޮމިޝަނާއި، ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ބައިވެރިވާނެ ކަމަށާއި އެ ބައްދަލުވުން އިންތިޒާމް ކުރަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން ގުޅިގެން ކަމަށް ބިޒްނަސް ސެންޓަރުން ބުނެއެވެ.
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ފެރީގެ ދަތުރުތައް މި މަހު 20 ގައި ފަށާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
އެ ފެރީ ކޮޗިން އިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. މިއީ ކޮޗިންއިން ކުޅުދުއްފުށި ޕޯޓާއި މާލެ ޕޯޓަށް ކުރާ ދަތުރުތަކެކެވެ.
ކޮންމެ މަހަކު މިފަދަ 2-3 ދަތުރު ކުރުމަށް ރާވާފައި ވާއިރު މިހާރު ރާއްޖެ އަންނަމުންދާ ބޯޓުގެ ކާގޯގެ ގޮތުގައި މެޝިނަރީ، ފަރުނީޗަރު، ބޭސް އަދި ކާބޯތަކެތި ހިމެނޭ ކަމަށް ނޫސްތަކުގައި ވެއެވެ.
ކޮޗިން އިން ރާއްޖެއަށް ފެރީގެ ދަތުރު ފެށުމަށް އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެކަމަކު ކާގޯ ފެރީގެ ހިދުމަތް ފަށާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.