
ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައި ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް ބީއެމްއެލް އިން ވަނީ ދައްކޮށްފައެވެ.
މިކަމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވަފައިވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ބީއެމްއެލްއަށް ޕްރެޝަރު ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ބީއެމްއެލްއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިކަމުގެ ސަބަބަުން ވިޔަފާރިވެރިންގެ އިތުބާރު ގެއްލިގެންދާނެ ކަމަށާ އެތަށް އަހަރަކުން ހޯދި ކުރިއެރުންތައް ގެއްލި އަނެއްކާވެސް އެތައް ގުނައެއް ފަހަތަށް އިގްތިސޯދު ހިނގައިދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދެއް ކަމުގައި 250 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. ބީއެމްއެލްއިން ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައިފައިވާ ކަމަށެވެ.
އެ އަދަދުތައް ކަނޑައެޅިފައި ވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށް އެކަންޏެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުން ކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އަދި ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށް ކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމުން އެ އިންތިޒާމް ހަމަޖައްސަދޭނެ ކަމަށް ބޭންކުން ބުނެއެވެ.