
އެ ގަވާއިދާ މެދު ޝިޕިން އޭޖެންޓުންގެ ކަންބޮޑުވުންތަކެއް ހުރުމުން، ގަވާއިދު އުވާލާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.
"މި ގަވާއިދުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ ތައާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމާއެކު، މުރާޖައާ ކުރުމަށް ގަވާއިދު އުވާލި ވާހަކަ އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ،" އެ އޮތޯރިޓީން ބުނެފައި ވެއެވެ.
އެ ގަވާއިދަށް އަމަލު ކުރަން ފެށި ފަހުން ޝިޕިން އޭޖެންޓުން ރަޖިސްޓްރީވުމަށް ދިން މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްދީފައި ވެއެވެ. ގަވާއިދު އުވާލިއިރު 112 ފަރާތަކުން ރަޖިސްޓްރީ ވާން ހުށަހަޅާފައި ވެއެވެ.
އުވާލި ގަވާއިދުގައި އޮތް ގޮތުން ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.
ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރު ސީދާ ގޮތުން އަދި ނުސީދާކޮށް ނަމަވެސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް އިތުރު ފީއެއް ކޮންސައިނީގެ އަތުން ނުނެގޭނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.
އޭގެ އިތުރުން އެ ގަވާއިދާ ހިލާފަށް އަމަލު ކުރާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ލިޔެފައި ވެއެވެ.