ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޖަންގް ވަނީ ޗައިނާއިން ރާއްޖެ ދަރަނީގެ މަޅީގައި ޖައްސާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަ ދޮގުކުރައްވާފަ އެވެ.
"ޗައިނާއިން ރާއްޖެއަށް އަދި ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް ވެސް އެ ގައުމަކުން ކުރަން ބޭނުން ނުވާ ކަމެއް ކުރަން މަޖުބޫރެއް ނުކުރަން،" ޖަންގް ވިދާޅުވި އެވެ.
ރާއްޖެއިން ޗައިނާއަށް 3.1 ބިލިއަން ޑޮލަރު ދަރާފައިވާ ކަމަށް ނަޝީދު ބީބީސީގެ އިންޓަވިއުގައި ވިދާޅުވެފައި ވާތީ، ޖަންގް ވިދާޅުވީ އެއީ ހަގީގަތުގައި ދައްކަން ޖެހޭ މިންވަރަށް ވުރެ މާ ބޮޑު އަދަދެއް ކަމަށެވެ.
އެ ނޫހަށް ނަޝީދު ވިދާޅުވެފައި ވަނީ ސަރުކާރަށް ދީފައިވާ ލޯނުތަކާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ދީފައިވާ ލޯނުތަކާއި ދިވެހި ސަރުކާރުން ގެރެންޓީ ދީގެން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު 3.1 ބިލިއަނަށް އަރާ ކަމަށެވެ. އެކަމަކު އެކަމަށް ބާރު ދޭ ލިޔުމެއް ނަޝީދު ނުދައްކަވާ ކަމަށް ބީބީސީގައި ވެއެވެ.
އަދި ލިޔެކިޔުމުން ފެންނަނީ އެންމެ 1.1 ބިލިއަން ޑޮލަރުގެ ލޯނު ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޗައިނާ އާއި ރާއްޖޭގެ އިންވެސްޓަރުން ގުޅިގެން ރަށްރަށުގައި ހޮޓާ ހިންގަމުންދާ މައްސަލާގައި ނަޝީދު ވިދާޅުވެފައި ވަނީ އެކަމުން ދިވެހި ޕާޓްނަރުންނަށް ފައިސާ ނުލިބޭނެ ކަމަށާއި، ރަށްތަކުގެ ހިއްސާ ޗައިނާ ޕާޓްނަރުންނަށް ލިބޭތަން ފެންނަމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން ސަފީރު ޖަންގް ވިދާޅުވީ އެ އިންވެސްޓްމަންޓުތަކަކީ ވިޔަފާރީގެ ބޭނުމަށް ކޮށްފައި ހުރި އިންވެސްޓްމަންޓް ކަމަށާއި ނަޝީދަށް ނުރަނގަޅު މައުލޫމާތު ލިބިފައިވުން އެކަށީގެންވާ ކަމަށެވެ. އަދި ލޯނު ދިނުމުގައި އެއްވެސް ޝަރުތެއް ނުކުރާކަމަށް ވެސް ވިދާޅުވި އެވެ.