ads
ހިދުމަތް ހޯދުމަށް ދަތުރުކުރާ ދޯންޏެއް: ރާއްޖެ ތަރައްގީ ކުރުމުގައި ބަހަކާ އަމަލަކާދިމާއެއްނުވޭ--
ލާމަރުކަޒީ...ޚިޔާލީ ފޮލާއެއް؟
ދިވެހިރާއްޖޭގެ ތަރައްގީގެ މޮޑެލް 1978 އިން 2008 އާއި ހަމައަށް ބިނާވެފައި އޮތީ 200 ރަށުގައި މީހުން ދިރިއުޅުނު ކަމުގައި ވިޔަސް، މާލެއަށް ވަރަށް ބޮޑަށް ބަރޯސާ ވެވިގެންނެވެ. ފަތުރުވެރިކަންވެސް ފުރަތަމަ ފެށިފައިވަނީ މާލެ ކައިރީގެ ފަޅުރަށްތަކާއި، އަރި އަތޮޅާއި، މާލެއާއި ކައިރީގައިވާ މަދު އަތޮޅުތަކެއްގައެވެ. ތައުލީމާއި ސިއްހީ ޚިދުމަތްތައްވެސް ކިރިޔާވެސް ލިބެން ހުރީ މާލޭގައެވެ. ރިސޯޓުތައް ފިޔަވައި، ވަޒީފާގެ ފުރުސަތުތަކަށް ވެސް ބަރޯސާވާންޖެހިފައިވަނީ މާލެއަށެވެ.

މާލޭއަށް މީހުން ޖަމާވަމުން ގޮސް ގެދޮރުގެ ދަތިކަން ކުރިމަތިވުމާއިއެކު، ޖެހިގެން އޮތް ވިލިނގިލި ވަނީ މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި، މާލޭގެ ބައެއްގެ ގޮތުގައި ހަދާ ގޯތި ދޫކޮށްފައެވެ. އަދި އެވަރުންވެސް ނުވެގެން، ހުޅުލޭގެ ފަޅު ހިއްކައި، ހުޅުމާލެވެސް މިވަނީ މާލޭގެ ބައެއްގެ ގޮތުގައި ކަނޑައަޅައި މީހުން ދިރިއުޅެން ފަށާފައެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރު ނިމުނު އިރު ރާއްޖޭގެ އެހެނިހެން އަތޮޅުތަކަށް ވަނީ އެކަށީގެންވާ ތަރައްގީ ނުގެނެވިއެވެ.

ރައީސް ނަޝީދު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެލެއްވީ މުޅިން އާ ގާނޫނު އަސާސީއަކާއެކުގައެވެ. އެއީ ރާއްޖޭގެ ހިންގުން ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިވާގޮތަށް ލިޔެވިފައި އޮތް ގާނޫނު އަސާސީއެކެވެ. އެއާއިއެކު، ކުރީގެ ކަތީބުންނާއި އަތޮޅުވެރިންގެ ބަދަލުގައި ރަށު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުން އިންތިހާބު ކުރެވިގެންދިޔައެވެ. އެހެނަސް، މާލެގެ މަރުކަޒީ ހިންގުމަށް މާބޮޑު ބަދަލެއް އައިތަނެއް ނުފެނުނެވެ. ރައީސް ނަޝީދުގެ ސަރުކާރުންވެސް ވަނީ މާލޭގައި އިތުރު ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށާފައެވެ. އެގޮތުން އަރަބިއްޔާ ބިމާއި ގާކޮށި ބިމުގައިވަނީ ފްލެޓް އަޅާފައެވެ. އަތޮޅުތަކުގެ ތަރައްގީއަށް ދެންވެސް ދިޔައީ އަޅާނުލެވިއެވެ.  

ރައީސް ޔާމިންގެ ވެރިކަމުގައި، ތަރައްގީގެ މޮޑެލް މުޅިންހެން ބިނާވެފައި އޮތީ މާލޭ ސަރައްހައްދު މައި ހަބެއްގެ ގޮތުގައި ތަރައްގީކޮށް، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މާލޭ ސަރަހައްދަށް ޖަމާކުރާށެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފޭސް ހިއްކައި، އެތަނުގައި ގިނަ އަދަދެއްގެ ފްލެޓް ވަނީ އަޅަން ފަށާފައެވެ. ހުޅުމާލޭ ފޭސް އެކެއްގައިވެސް އިތުރު ފްލެޓްތައް އެޅުމަށް ބިންތައްވަނީ ދޫކުރެވިފައެވެ. މިހުރިހާ ކަމަކުންވެސް، މާލޭ ސަރައްހައްދުގެ ތޮއްޖެހުން ބޮޑުވެ، މާލޭގެ މުހިއްމުކަން ދިޔައީ ބޮޑުވަމުންނެވެ. ފަންސަވީސް ބުރީގެ ހޮސްޕިޓަލް އިމާރާތްވެސް ހެދިގެން ދިޔައީ ހަމަ މާލޭގައެވެ. ބޮޑު ޚަރަދުކޮށް ބްރިޖެއް އަޅާފައިވަނީވެސް ހަމަ މާލޭ ސަރަހައްދުގައެވެ.

މިހާރު ރާއްޖޭގެ 188 ރަށުގައި މީހުން ދިރިއުޅެމުން އެބަދެއެވެ. އަދި 150 ރަށުގައި ރިސޯޓް ހިންގަމުން އެބަދެއެވެ. އެހެނަސް ބޮޑުކަމެއް ޖެހިގެން އަދިވެސް މިޖެހެނީ މާލެ އަންނާށެވެ. ޚާއްސަ ގޮތެއްގައި ސިއްހީ ފަރުވާ ހޯދުމަށް އެކި އެކި ރަށްރަށުން މީހުން މާލެ އައިސް، ސިއްހީ ފަރުވާގެ އިތުރުން، ހުރުމާއި ކެއުމަށް ބޮޑެތި ޚަރަދުތައް ކުރަން މިވަނީޖެހިފައެވެ. ދަރިންނަށް ރަނގަޅު ތައުލީމެއް ދޭން ބޭނުންނަމަ، މިޖެހެނީ ބޮޑު ޚަރަދުކޮށްގެން މާލޭގައި ތިބޭށެވެ. އަދި ރަނގަޅު ވަޒީފާއެއް ލިބެން އޮތީވެސް ހަމަ މާލެ އައިސްގެންނެވެ. މާލެއިން ނެތް ފަރުވާއެއް ހޯދުމަށް، ބޭރު ގައުމަކަށް ދާންޖެހުނަސް ފުރަތަމަ އަންނަން މިޖެހެނީ މާލެއެވެ.

އެމްޑީޕީގެ އިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ހުށަހަޅާފައިވަނީ "ޖަޒީރާ ރާއްޖެ" އެވެ. ރައީސް ޔާމީންގެ މަރުކަޒީ ވިސްނުމާއި ޚިލާފަށް، ރާއްޖޭގެ ގުދުރަތީ ރަށްތަކުގެ ހިތްގައިމު ދިރިއުޅުމާއި، ތިމާވެށްޓާއި ރައްޓެހި ދެމެހެއްޓެނިވި، ދިރިއުޅުމެކެވެ. ލާމަރުކަޒީ ހިންގުމުގެ ދަށުން ތަރައްގީ ކަށަވަރުކޮށްދޭ މެނިފެސްޓޯއެކެވެ. މި މެނިފެސްޓޯއިން ރައްޔިތުންނަށް ވައުދުވެފައިވަނީ ޖަޒީރާ ދިރިއުޅުމާއި، ނޫ އިގްތިސާދަކާއި، ފަޚުރުވެރި އާއިލީ ދިރިއުޅުމާއި، އޯގާތެރި ސަރުކާރަކާއި، އިންސާފެވެ.

ޖަޒީރާ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށްޓަކައި އެމްޑީޕީއިން ވައުދުވެފައިވަނީ މަރުކަޒީ ސަރުކާރު އަތޮޅުތަކަށް ބަހާލައި، ސަރުކާރު މިނިސްޓްރީތަކުގެ ގިނަ މަސައްކަތްތައް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާލާށެވެ. އަދި އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދިކުދި ބިންކޮޅާއި ފްލެޓްތަކުގެ ބަދަލުގައި އެމީހުން އިޚްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުކޮށްދިނުމަކީވެސް ވެފައިވާ ވައުދެކެވެ.

އެހެންނަމަވެސް، އަދިވެސް ރާއްޖޭގެ ތަރައްގީގެ މޮޑެލް ބަދަލުވި މަންޒަރެއް ނުފެނެއެވެ. މަރުކަޒީ ވިސްނުން ބަދަލުވި ތަނެއް ނުފެނެއެވެ. ވަކިން ހާއްސަކޮށް، ކޮވިޑްގެ ނުރައްކާތެރި ހާލަތާއިއެކު، ތޮއްޖެހިގެން ގިނަ ބަޔަކު އެއްތަނެއްގައި އުޅުމުގެ ނުރައްކާ ފެނިމެ، އަދި މާލެއަށް ބަރޯސާވާޏްޖެހުމުގެ ދަތި އުނދަގޫ ފެނިމެ، މަރުކަޒީ ވިސްނުމުން ދުރަށް ގޮސް، ލާމަރުކަޒީ ނިޒާމް ހަރުދަނާ ވާތަނެއް އެކަށީގެންވާ ގޮތެއްގައި ނުފެނެއެވެ.

އެއާއި ޚިލާފަށް، އަދިވެސް މި އިވެނީ އިތުރު ބުރިޖުތަކާއި ކޯސްވޭތައް މާލެ ސަރަހައްދުގައި އަޅާވާހަކައެވެ. މާލެއާއި، ވިލިގިއްޔާއި، ގުޅިފަޅާ، ތިލަފުށި ގުޅާލާ ވާހަކައެވެ. ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި، މިކަމަށްޓަކައި ބޮޑު އަދަދެއްގެ ލޯނު ނަގާ ވާހަކައެވެ. 500 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާ ވާހަކައެވެ. މި 500 މިލިއަން ޑޮލަރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި އިގްތިސާދީ ދެ ހަބު ތަރައްގީ ނުކުރެވޭނެތޯއެވެ؟

 ވަޒީފާގެ އިތުރު ފުރުސަތުތައް ގާއިމްނުކުރެވޭނެތޯއެވެ؟ ފެންވަރު ރަނގަޅު ހޮސްޕިޓަލާއި، އެކަށީގެންވާ ސްކޫލްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމް ނުކުރެވުނީސްތޯއެވެ؟ މިހެންކަމުގައި ވެއްޖެނަމަ، މާލޭގައި ދިރިއުޅެމުންދާ އެތައް އާއިލާއެއް މި ސަރަހައްދުތަކަށް ބަދަލުވުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. އެހެންނަމެވެސް، އަދިވެސް މިއޮތީ މާލެ ސަރަހައްދަށް ބޮޑެތި އިންވެސްޓްމަންޓުތައް ގެނައުމުގެ ސިޔާސަތެކެވެ. "ޖަރީރާ ރާއްޖެ" އަކީ ރައްޔިތުންގެ ސިކުނޑިތަކަށް ވިއްކި ޚިޔާލީ ފޮލާއެއް ބާވައެވެ.

ޖަޒީރާވަންތަކަން ނަގާލެވޭ ގޮތަށް އެއްފަސްކޮށް ތޮއްޖެއްސުމުގެ ދެއުޅިއެއްނުވާ ސިޔާސަތުގެ ބަދަލުގައި ވައުދުވެފައިވަނީ ލުއި ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށްތަކެއް ފެރީގެ ނިޒާމަކުން ގުޅާލުމުގެ ސިޔާސަތެކެވެ. އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަކޮށްދިނުމުގެ ވައުދެވެ. އެއާޕޯޓްތަކާއި އަތޮޅުތަކުގެ ފެރީ ނިޒާމު ގުޅުވާލާ، މުޅި ރާއްޖެއަށް ހުރަހަކާ ނުލާ ދަތުރު ކުރެވޭނޭ ލުއި ފަސޭހަ ނިޒާމެއްގެ ވައުދެވެ. ޖަޒީރާ ފަތުރުވެރިކަމުގެ ވައުދެވެ.

މީގެ އިތުރުންވެސް، ޖަޒީރާ ތައުލީމު ހުރިހާ ރަށަކުން ލިބުމުގެ ވައުދެވެ. މިގޮތުން، ރަށުގެ އާބާދީއާއި، ފުދުންތެރިކަމާއި ހުރި ވަސީލަތްތަކުގެ އެހީގައި ކިޔަވާ ކުދިންނަށް އެންމެ ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތެވެ. އަދި ކައުންސިލްތަކުގެ ބެލުމުގެ ދަށުން މަދަރުސާ ބޯޑަކާއި އެކު މިނިވަންކަމާއިއެކު ލާމަރުކަޒީކޮށް ސްކޫލްތައް ހިންގުމުގެ ސިޔާސަތެވެ. އެހެންނަމަވެސް، އަދިވެސް ފެނިގެން ދަނީ ސީދާ ތައުލީމީ ވަޒީރު، ވަކި ވަކި ޕްރިންސިޕަލުންނަށް ގުޅައިގެން ސްކޫލްތައް ހިންގަމުން ދާތަނެވެ. ތައުލީމީ ވުޒާރާއިން ސްކޫލްތައް މައިކްރޯ މެނޭޖް ކުރާ ތަނެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް ތައުލީމީ ބިލުގައިވެސް ލާމަރުކަޒީކޮށް ތައުލީމު ދިނުމަށް އެކަށީގެންވާ މިންވަރަށް ސަމާލުކަން ދެވިފައެއްނެތެވެ. ސިއްހީ ދާއިރާއަށް ބެލިއަސް ހާލަތު އޮތީ ހަމަ މިފަދައިންނެވެ.

ކޮންމެކަސް، ދެންނެވެން އޮތީ ހަމަ އެންމެ ވާހަކައެކެވެ. "ލާމަރުކަޒީ"، "ޑިމޮކްރަސީ"، "އިންސާފު"، "'މިނިވަންކަން"، "ފުދުންތެރިކަން"، "ހަމަހަމަކަން"، މިއީ ހައްތާވެސް އަޑުއަހާލަން ރަނގަޅު ރީތި ބަސްތަކެކެވެ. ފަސޭހައިން މީހުންނަށް ވިއްކޭ، ރައްޔިތުން އަޑުއަހާ ހިތްވާ ބަސްތަކެކެވެ. އެހެނަސް، ކޮންމެ ސަރުކާރަކުންވެސް ވެރިކަން ކުރުމަށް ގެންގުޅޭތަން މިފެންނަނީ ހަމަ އެއް ފޯމިއުލާއެކެވެ.

 އެއްވެސް ބަޔަކު ބާރުތައް ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އަދި ލޯކަލް ކައުންސިލްތަކުގައި ހިންގުމުގެ ގާބިލްކަން ހުރިކަމަކަށް ހިތުގެ އަޑިން ގަބޫލު ކުރެވޭ ކަމަކަށް ނުބެލެވެއެވެ. އަދިވެސް ގަބޫލް ކުރެވެނީ ކަންކަން ކުރެވޭނީ މާލެއިން ކަމުގައެވެ. އަދި ކަން ކުރުމުގެ ގާބިލްކަން ހުރީވެސް ހަމައެކަނީ މައި ސަރުކާރުގައި ކަމުގައެވެ. މިހެންކަމުން ރައްޔިތުން ކޮންޓްރޯލްކުރުން ނިމުމަކަށް ނުގެނެވެއެވެ. ކޮންމެ ސަރުކާރަކުންވެސް ބޭނުންވަނީ އަދި ކުރަނީ ހަމަ "ވެރި" ކަމެވެ.

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް