ads
އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ހުތުބާ
އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ، ދަރިންނަކީ ﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާ އެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ އެ މަސްއޫލިޔަތު އަދާކުރި ގޮތާއި މެދުޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ. 

މިޒަމާނުގައި ދިރިއުޅުމަށް ބޭނުންޖެހިފައިވާ އެންމެ މުހިންމު އެއް ވަސީލަތަކީ އިންޓަނެޓާއި އަދި އިންޓަނެޓާއި ގުޅިފައިވާ ތަފާތު ޓެކްނޮލިޖީކަން ފާހަގަކޮށްފައިވެ އެވެ. އަދި މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިފި ނަމަ އެއީ ވަރަށް ބޮޑު ނިއުމަތެއްކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. 

"އާއިލީ ގުޅުން ބަދަހިކުރުމާއި، އުނގެނުމާއި، މައުލޫމާތު ބަދަލުކުރުމާއި، މި ނޫންވެސް ދިރިއުޅުމުގެ ކޮންމެ ދިމާއަކަށް ފަސޭހަކަމާއި ލުއިކަން ގެނެސްދެވޭނެ ފަދަ ވަސީލަތެކެވެ."

ހުތުބާގައި ބުނެފައިވަނީ ކޮވިޑް19 ގެ ހާލަތާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުނު ވަގުތުގައި ވެސް އިންޓަނެޓްގެ ވަސީލަތުގެ ބޭނުން ހިފައި، ދަރިވަރުންގެ ކިޔެވުން އެއްކޮށް މެދުކެނޑިގެން ނުދާނޭ ގޮތަކަށް ކަންތައް ރޭވިގެން ދިޔަކަމީ ޝުކުރުވެރިކަމާއި އެކު ފާހަގަކުރަންޖެހޭ ކަމެއްކަމަށެވެ. 

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ، އިންޓާނެޓްގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ބަޔަކު އުޅޭނެކަން ދަންނަންޖެހޭނެ ކަމަށެވެ. އަދި މިހާލަތުގައި ވެސް އިންޓަނެޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ. 

އިންޓަނެޓަކީ އަޑި ނޭނގޭހާ ފުން ކަނޑެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ދަރިންނަށް އިންޓަނެތްގެ ބޭނުން ރައްކާތެރިގޮތުގައި ކުރުމަށް ދަސްކޮށްދޭންޖެހޭ ކަމަށެވެ. އަދި ކުރިންނަށް ޒިންމާދާރު، ޑިޖިޓަލް ރައްޔިތަކަށް ވެވޭނެ ގޮތްތަކާއި މަގުތައް ދައްކުވައި ދޭންޖެހޭކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި ދަރިން ނުބައި ކަންތައްތަކުގެ ޝިކާރައަކަށް ހެދުމަށް އިންޓަނެތްގެ ދުނިޔޭގައި ބަޔަކު ފާރައަށް ތިބޭނޭކަން ބެލެނިވެރިން ހަނދާންކުރަންޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. 

އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ. އަދި އިންޓަނެޓްގައި ނުރައްކާތަކެއް ހިމެނޭ ކަމަށްބުނެ ދަރިން އިންޓަނެޓާ އެއްކޮށް ދުރުކުރުމަކީ ބަވަނަވެފައިވާ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެދަރިންނަށް ކުރިމަތިވާނޭ ބޮޑު ހުރަހަމަކަށް ވެގެންދާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް