ads
ނެލްސަން މަންޑޭލާސް ރޫލްސް ފޮތުގެ ދިވެހި ތަރުޖަމާ
ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި
“ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް" ނުވަތަ "ދި ނެލްސަން މަންޑޭލާ ރޫލްސް"ގެ ދިވެހި ތަރުޖަމާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި އެވެ.

"ނެލްސަން މަންޑޭލާ ރޫލްސް" އެ ފޮތަކީ ޖަލުގައި 27 އަހަރު ހޭދަކުރެއްވި ސައުތު އެފްރިކާގެ ކުރީގެ ރައީސް ނަލްސަން މަންޑޭލާގެ ޝަރަފުގައި ލިޔެވިފައިވާ ފޮތެކެވެ. 122 ގަވާއިދުގެ މައްޗަށް އެކުލެވޭ އެފޮތުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށާއި މުއާހަދާތަކާއި އެއްގޮތަށް ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާ މެދު އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތަކާއި ހައްގުތަށް ހިމެނިފައިވެ އެވެ. 

އެ ފޮތުގެ ދިވެހި ތަރުޖަމާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހަވާލުކުރުމަށް މާލެ ޖަލުގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ޔޫއެންއޯޑީސީގެ ފަރާތުން ވާހަކަ ދައްކަވަމުން ޕްރޮގްރާމް ކޯޑިނޭޓާ ތާއިބާ ސައީދު ވިދާޅުވީ އޮފިސަރުންނަށް “ދި ނެލްސަން މަންޑޭލާ ރޫލްސް” ގެ މުހިއްމުކަން ދޭހަވާގޮތަށް އެފަދަ ހަފްލާއެއް ބޭއްވުމަކީ ފާހަގަކުރާ ކަމެއްކަމަށާއި އެ ފޮތަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށާއި މުއާހަދާތަކާއި އެއްގޮތަށް ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާ މެދު އަމަލުކުރަންޖެހޭ ގޮތުގެ އެންމެ ދަށް މިންގަނޑުތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އޮފިސަރުން ތަމްރީނުކުރުމުގައި އަދި ޖަލުތައް ރިފޯމްކުރުމުގައި ޔޫއެންއޯޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ތާއިބާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ހޯމް މިނިސްޓްރީ އަށާއި ޔޫއެންއޯޑީސީ އަށް ވަރަށް ހާއްސަކޮށް ޝުކުރުއަދާ ކުރެއްވި އެވެ. އަދި ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ތެރެއިން ދިވެހިރާއްޖޭގެ ޖަލުތަކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ތަނެއްގެ ގޮތުގައި ހެޔޮ ބަދަލު ގެނެސް އިސް ސަފުގައި މަސައްކަތްކުރަމުންދާ ސީނިއާ މެނޭޖްމަންޓާއި އޮފިސަރުން ކުރައްވާ މަސައްކަތަށް އިހުލާސްތެރިކަމާއެކު ބަލައިގަންނަވާކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ފަށައިގަނެވުނު މަސައްކަތުން އިތުރު ޒިންމާތަކަކާއި ވާޖިބުތަކެއް ދަސްކުރުމަށް މަގު ފަހިވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޒީރު، އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސް ނޫރާ މުހައްމަދު، ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އަލްއުސްތާޒް އިބްރާހިމް މުހައްމަދު ދީދީ، ޔޫއެންއޯޑީސީގެ ޕްރޮގްރާމް ކޯޑިނޭޓާ ތާއިބާ ސައީދު އަދި ކޮމިޝަންޑް އޮފިސަރުންނާއި ސެކްޝަންތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް