"ނެލްސަން މަންޑޭލާ ރޫލްސް" ފޮތުގެ ދިވެހި ތަރުޖަމާ ކަރެކްޝަންސް އާއި ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިއަހަރު ރޭވިފައިވާ ގިނަ މަސައްކަތްތަކެއް މަޑުޖެހި، ހުއްޓިފައިވީ ނަމަވެސް، ހިތްވަރުކޮށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ފޮތް ތަރުޖަމާކުރެވި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރެވި، އަންނަ ހަފްތާއިން ފެށިގެން އޮފިސަރުންނަށް އެއާ ގުޅޭ ތަމްރީންތައް ފެށޭނެކަމަށެވެ.
މިނިސްޓާ އިމްރާން ވަނީ ކޮވިޑް-19 ގައި ގައިދީންގެ ރައްކާތެރިކަމާއި ހާލަތު ބެލެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ލީޑާޝިޕްއިން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފުކުރައްވައި، އޮފިސަރުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
މިނިސްޓަރު އެހެން ވިދާޅުވިއިރު ޔޫއެންއޯޑީސީ އާއި ހޮމް މިނިސްޓްރީ އަދި ކަރެކްޝަންސް ގުޅިގެން މި މަހުގެ 20 ން 26 އަށް “ނެލްސަން މަންޑޭލާ ރޫލްސް” ފޮތާ ގުޅޭ ތަމްރީންތަކުގެ ފުރަތަމަ ބެޗް ފެށިގެންދާނެ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
ކަރެކްޝަންސްއިން ބުނީ އެ ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވާނީ ޔޫއެންއޯޑީސީގެ ފަރާތުން ކަމުގެ ހާއްސަ ކޮންސަލްޓަންޓެއް ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ހުރިހާ އޮފިސަރުންނަށް އެ ތަމްރީން ޕްރޮގްރާމް ހިންގާނެ ކަމަށެވެ.
"ނެލްސަން މަންޑޭލާ ރޫލްސް" އެ ފޮތަކީ ޖަލުގައި 27 އަހަރު ހޭދަކުރެއްވި ސައުތު އެފްރިކާގެ ކުރީގެ ރައީސް ނަލްސަން މަންޑޭލާގެ ޝަރަފުގައި ލިޔެވިފައިވާ ފޮތެކެވެ. 122 ގަވާއިދުގެ މައްޗަށް އެކުލެވޭ އެފޮތުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށާއި މުއާހަދާތަކާއި އެއްގޮތަށް ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާ މެދު އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތަކާއި ހައްގުތަށް ހިމެނިފައިވެ އެވެ.