ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެނިގެންދަނީ ޓްރެފިކް ދެ ފުލުހަކު ފްލެޓެއްގެ ސިޑި ކައިރީގައި ހުރި ސައިކަލެއްގައި ސްޓިކާ ޖަހާ މަންޒަރެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަކީ ސްޓިކާ ޖަހައިގެން ފައިސާ ހޯދަން ފުލުހުން ކުރާ ކަމެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
އެކަމުގެ ފާޑުކިޔުން އަމާޒުވެ ފުލުހުން ބުނީ އެއީ ހުޅުމާލޭ ސޯޝަލް ހައުސިން ފްލެޓެއްގެ ސިޑި ކައިރީގައި އަރާއި ފައިބާ މީހުންނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި ސައިކަލެއް ކަމަށެވެ. އަދި އެއީ ވަކި އެޕާޓްމަންޓަކަށް ނިސްބަތް ނުވާ ގޮތަށް އެ ބިލްޑިންގެ އެންމެން ބޭނުންކުރަން އޮންނަ ތަނެއް ކަމަށާއި އެތަނުގައި ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން އޮންނާނީ އެތަނުގައި އުޅޭ މީހުންނަށް އަންގާފައި ކަމަށެވެ.
އޭގެ އިތުރުން ފުލުހުން ބުނީ ފިޔަވަޅު އަޅަމުންދަނީ ހުރިހާ ފްލެޓެއްގައި އުޅޭ މީހުންނަށް ވެސް އެތަނުގައި ޕާކު ނުކުރުމަށް އަންގާފައި އޮތުމުން ކަމަށެވެ. އަދި އެއީ ފްލެޓަށް ވަންނަން އޮންނަ ވޯކްވޭއެއްކަމުން، އެތަނުގެ ތިރީ ފްލެޓް ބޭނުންކުރާ މީހުން ޕާކުކޮށް އެއްޗެހި ބެހެއްޓުމުން މަތީ ފްލެޓުތަކަށް އަރާއި ފައިބާ މީހުންނަށް ދަތިވާ ކަމަށެވެ.
މީގެ ކުރިން ވެސް ފުލުހުން ސްޓިކާ ޖަހާއި ގޮތާއި މެދު އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ޕާކު ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ޖެހުން ކަމަށް ބުނެ އެވެ.