ސީޑީސީން އެއްކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ކޮވިޑް-19 ފެތުރުމުން ކުރިން 2018 ވަނަ އަހަރު އެމެރިކާގައި ދުވަސްނުފުރާ ވިހެއި 10 ޕަސަންޓު މާބަނޑު މީހުންނެވެ.
އެކަމަކު ކޮވިޑް-19 އައި ފަހުން ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދޭން ޖެހުމާއެކު އެ އަދަދު ވަނީ މަތިވެފަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ 12.6 އިންސައްތަ މީހުން ވަނީ ދުވަސް ނުފުރާ ވިހާފަ އެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުން ކޮވިޑުގެ އަލާމާތްތައް ފެންނަ މާބަނޑު މީހުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ތިން ގުނަ ބޮޑެވެ. އެ ދިރާސާ ޝާއިއުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ދިރާސާގައި އެމެރިކާގެ 13 ސްޓޭޓެއްގެ 598 މާބަނޑު މީހުން ބައިވެރިވި އެވެ. އެ އެންމެން ވެސް އެއީ ކޮވިޑަށް ޕޮޒިޓިވް މީހުންނެވެ. މާޗް 1 އިން އޯގަސްޓް 22 އަށް ދިރާސާގައި ބައިވެރިވި މީހުންގެ ދެބައިކުޅަ އެއްބައި މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނެ އެވެ.
އަލާމާތްތައް ފެނުނު މީހުންގެ ތެރެއިން 16.2 އިންސައްތަ މީހުންނަށް އައިސީޔޫގައި ފަރުދާ ދޭން ޖެހުނުއިރު، 8.5 އިންސައްތަ މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހުނެވެ. އަދި އޭގެ ތެރެއިން ދެ މީހުން ނުވަތަ 0.7 އިންސައްތަ މީހުން މަރުވި އެވެ.
އަލާމާތް ފެންނަ ނެތް މީހުންނަށް އެއްވެސް ފަރުވާއެއް ދޭން ޖެހިފައެއް ނުވެ އެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން ދޭއް އިންސައްތަ މީހުން ވަނީ ދުވަސް ނުފުރާ ވިހާފަ އެވެ. އޭގެ ތެރޭގައި އަލާމާތް ފެނުނު މީހުންނާއި ނުފެންނަ މީހުން ވެސް ހިމެނެ އެވެ.
އެ ދިރާސާގެ ބައިވެރިންނަކީ ހަމައެކަނި ހޮސްޕިޓަލުގައި އެޑްމިޓު ކުރި މާބަނޑު މީހުންނަށް ވުމާއި، އެމީހުން އެޑްމިޓް ކުރަން ޖެހުނު ސަބަބުތައް ސާފު ނުވާތީ މި ދިރާސާގެ ހޯދުންތަކުގެ މައްޗަށް އިތުރު ދިރާސާތައް ކުރަން ޖެހޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މީގެ ކުރިން ބީއެމްޖޭ މެޑިކަލް ޖާނަލްގައި ޝާއިއުކުރި ރިޕޯޓެއްގައި ވެސް ވަނީ މާބަނޑު އަންހެނުންނަށް ކޮވިޑް ޖެހުމުން ދުވަސް ނުފުރާ ވިހެއުމުގެ ބިރު ބޮޑުވެދާނެ ކަމަށް ބުނެފަ އެވެ.