ads
އެއްވުމެއްގެ ތެރެއިން-- ފޮޓޯ: ރޮއިޓާޒް
އިސްލާހީ ބަދަލުތަކުގެ ފެށުން އައިތާ 17 އަހަރު، އަދިވެސް މަންޒިލަށް ވާސިލްނުވެވޭ
ސެޕްޓެމްބަރު 19 އަދި 20، 2003 އެއީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ފާހަގަކުރެވޭ ދެ ދުވަހެވެ. ދިގު 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ޒައާމަތު ނިމުމަކަށް ގެނައުމަށް އެ ދެ ދުވަހު ހިނގާ ދިޔަ ހާދިސާތަކުގެ ދައުރު ބޮޑެވެ.

ޖަލުތަކުގައި ގައިދީންނަށް އަނިޔާ ކުރާ ވާހަކަ އޭރު އޮތީ އެންމެންނަށް އިނގޭ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން ދެކޮޅު ހަދާ، އެތައް ބަޔަކު ހާމަކަން ބޮޑު ގޮތަކަށް ފުރަތަމަ ފަހަރަށް ސަރުކާރަށް ފާޑުކިޔާފައި ވަނީ ސެޕްޓެމްބަރު 20، 2003 ގައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި 19 އަހަރުގެ އީވާން ނަސީމަށް "މާފުށި ޖަލުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ދިން ބޮޑެތި އަނިޔާގެ" ސަބަބުން މަރުވެ ދިޔައީ ސެޕްޓެމްބަރު 19 ގައެވެ. ޖަލުގައި ގައިދީން ހަޅުތާލު ކުރީ އީވާނަށް ދިން އަނިޔާގެ ސަބަބުން ކަމަށް އެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ވެއެވެ. 

ޖަލުގައި ތިބި ގައިދީން ކެކިގަތީ އީވާން މަރުވި ގޮތުގެ ތަފްސީލް ދިނުމަށް ޖަލުގެ އޮފިސަރުން ދެކޮޅު ހެދުމުންނެވެ. އެ ހިތްހަމަނުޖެހުމުގައި ހަޅުތާލުކޮށް، ހިނގި ހަމަނުޖެހުމުގައި ތިން ގައިދީން މަރުވެ، 19 މީހުންނަށް އަނިޔާވި އެވެ. އެ ދުވަހުގެ ބިރުވެރި ހަނދާން އާ ކުރާ އެތައް ބަޔަކު އަދިވެސް އެބަ އުޅެ އެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތައް ޖެހިގެން އައި ދުވަހު މާލެއަށް ފެތުރުނީ އީވާނަށް ދީފައިވާ އަނިޔާތައް އާއްމުންނަށް ދައްކަން އޭނާގެ މަންމަ، މަރިޔަމް މަނިކެ ނިންމުމުންނެވެ. ކަފުންކޮށްފައި އޮތް އީވާނުގެ ހަށިގަނޑުގެ އެތަން މިތަނުން ނުލާއި، ދަނބު ކުލައިގެ އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ. 

އެއާއެކު މާލޭގެ މަގުތަކަށް އާއްމުން ނިކުތީ އަނިޔާވެރިކަމާ ދެކޮޅަށެވެ. މާލޭގައި ވެސް ގިނަ ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން، ކާފިއު ހިންގާ ސިފައިންގެ ޓޭންކަރު މަގުތަކަށް ނެރުނެވެ. އެ ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ހިތާބުގައި ރައީސް މައުމޫން ވަނީ ބަޑި ޖެހީ "ޖައްވަށް، ހަވަޔަށް، ފަޒާއަށް" ކަމަށް ވިދާޅުވެފަ އެވެ. 

އޭރު ހިނގި ހާދިސާތަކަކީ ރާއްޖެއަށް މިހާރު އައިސްފައިވާ ބޮޑެތި އިސްލާހީ ބަދަލުތަކުގެ ފެށުމެވެ. އެކަމަކު އެ ދުވަހުގެ ތަޖުރިބާއިން މިހާރު އާދެވިފައި މިވާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. އަދިވެސް އިސްލާހަށް ބޭނުންވާ އެތައް ކަމެއް އެބަ އޮތެވެ. 

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލުގެ ސަބަބުން އޭރު ހިނގާދިޔަ ކަންކަމަށް އިންސާފު ނުލިބޭނެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. އަދި އެ ބިލަށް އާއްމުންގެ ހިޔާލަށް ހުޅުވާލުމާއެކު، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން 2012 ގެ ކުރިން ރާއްޖޭގައި ހިނގާފައިވާ ކަންކަމަށް އިންސާފު ލިބޭނެ ގޮތަށް އިބާރާތްތައް ބަދަލު ކުރުމަށް ވަނީ ހިޔާލު ހުށަހަޅާފަ އެވެ. 

ޑިމޮކްރަސީ ގެނެވުނު ނަމަވެސް، އޭގެ އެންމެ ފުރިހަމަ މާނައިގައި ޑިމޮކްރަސީގެ ބޭނުމެއް އަދިވެސް ނުހިފެ އެވެ. އިންސާފު ގާއިމް ކުރަން ބާރުތައް ވަކިވި ނަމަވެސް، ފުރިހަމަ އިންސާފެއް ނުލިބެ އެވެ. ކޮރަޕްޝަން އަމަލުތައް މަދެއް ނުވެ އެވެ. އަދި ޖަލުތަކުގެ ހާލަތު އެންމެ އެދެވޭ ގޮތަށް ބަދަލެއް ނުކުރެވެ އެވެ. އެހެންކަމުން ރާއްޖެ ބަދަލު ކުރަން މީގެ 17 އަހަރު ކުރިން ފެށި ދަތުރުގެ ބާކީ އޮތް ބައި އަދި ނިންމަން އެބަ ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް