އަލީ ހުސައިން މިހެން ވިދާޅުވެފައި ވާއިރު އީވާން ނަސީމް މަރާލި ދުވަހަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އީވާން ނަސީމްގެ މަރަށް މިއަދު 17 އަހަރު ފުރުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ރައީސް މައުމޫންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި ދުވަސް ކަމަށެވެ.
އެކަމަށް އިޝާއަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފު ހޯދައިދޭން ފުރުސަތު އެތަކެއްފަަހަރު ލިބުނީމާވެސް އިންސާފާއި ޢަދާލަތު ޤާއިމްކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫން ކަމަށެވެ.
އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ މާފުށީ ޖަލުގައެވެ. އަދި އެދުވަހު އީވާން ނަސީމްގެ މަރާއެކު އިހުތިޖާޖު ކުރި އެހެން ގައިދީންތަކެއްގެ ގަޔަށްވެސް ބަޑިޖަހައި މަރާލާފައިވެ އެވެ. އަދި އެ ހާދިސާގައި ގައިދީން ކޮންޓްރޯލް ކުރުމަށް ޓަކައި މަސައްކަތް ކުރުމުގެ ތެރެއިން ފުލުހުންނަށާއި ގައިދީން އަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
ޖަލުގައި ހިނގި އެ ލޭ އޮހޮރުވުމާ ގުޅިގެން އިސްލާހީ އެޖެންޑާ، 2004 ގައި ރައީސް މައުމޫން އިއުލާންކުރެއްވި އެވެ. އަދި އެއަށްފަހު ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމުގެ ފުރުސަތުވެސް ހުޅުވާލެއްވި އެވެ. ޖަލުގައި ހިނގި އެ ލޭ އޮހޮރުވުމަށްފަހު ޖަލުތަކުގައި ދެވޭ އަނިޔާއާ ދެކޮޅަށް އަދި ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީން މަސައްކަތް ފަށާ، ފުރަތަމަ ބޮޑު އެއްވުން، ޖުމްހޫރީ މައިދާންގައި ބޭއްވީ 2004 ވަނަ އަހަރު އޮގަސްޓް 12 އަދި 13 ވަނަ ދުވަހު އެވެ.