ads
ނޭނގި ހިތް ގެއްލުނީ
ނޭނގި ހިތް ގެއްލުނީ - 19 ވަނަ ބައި
އެޕިސޯޑް 19
Advertisement

"ދިއްލީގައި ބައްދަލުކުރެވޭގޮތަށް މީޓިންގއެއް އިންތިޒާމުކުރޭ!" އިވުނީ އަމުރެކެވެ!

ތަސްކީންގެ ފޯނު ކަންފަތުގައި ޖެހުމާއެކު ނިއްކުރި ފުރެންދެން ރޫ އަރުވާލި އެވެ.

"ކީއްވެ؟ ދިއްލީގައި މިހަފްތާ، ނޫނީ މިމަހުވެސް މަސައްކަތެއް ނެތް!" ހައިރާންވެފައި ތަސްކީންއަށް ކުރެވުނީ ނުކުރަންޖެހޭ ސުވާލެކެވެ.

"މަސައްކަތެއް ނެތިއްޔާ، މަސައްކަތެއް އުފައްދާ! ކަމެއް ނެތިއްޔާ، ކަމެއް އުފައްދާ! އައި ޑޯންޓް ކެއަރ..! ޖަސްޓް ބުކް މައި ފްލައިޓް ޓު ދިއްލީ..!" އިވުނު އަޑާއެކު އެއްމިޔަކަނުން ހިނިއައިސް، ތަސްކީންގެ ނިދިވެސް ފިލައިފި އެވެ.

"މިސިންގ ސަމްވަން..؟" ދިމާކޮށްލުމަށް ތަސްކީން އަހައިލި އެވެ.

"ޝަޓް އަޕް އެނޑް ޑޫ އިޓް!" އަނެއްކާވެސް އައީ އަމުރެކެވެ.

ޝައްޔާންގެ ހިޔާލާއި ފިކުރުގައި ހިނގަމުންދިޔަ ރޭވުންގަނޑުގެ އިޝާރާތެއް ޝައްޔާން ނޫން އެހެން އެއްވެސް މީހެއްގެ ރާޑަރަށް ނާރާނެ އެވެ.

..................

(ދިއްލީ..)

އަމާރާ އިނީ ރާފީގެ އެޕާޓްމެންޓްގެ ފެންޑާގަ އެވެ. ފެންނަ ފެނުމަށް އެއިނީ ޓީވީ ބަލާށެވެ. ނަމަވެސް ބުއްދިވެރި ވިސްނުމަކުން ފެންނަ ކޮންމެ މީހެއްގެ ލޯ އެމަންޒަރާއިމެދު ފިކުރުކުރާނެ އެވެ. ކުރިމަތީގައި ހުރީ ޓީވީ އެވެ. އަމާރާގެ ލޯ އަމާޒުވެފައިވަނީ ކުރިމަތީގައި ހުރި ޓީވީއަށްކަމެއް ނުވަތަ މަޑު ނޫކުލަ ލާފައި ހުރި ފާރަށްކަމެއް ޔަގީނެއް ނުވެ އެވެ.

ލޯބީގެ ފިލްމެއް ދައްކަމުންދިޔައިރު އިވެމުންދިޔައީ އަސަރުންފުރިގެންވީ ހިންދީ ލަވައެކެވެ. ނަމަވެސް އެމަންޒަރާއި އެލަވައާއި އަމާރާގެ ލޮލާއި، އޭނާގެ ޝައުގުވެރިކަމާއި ކުޑަވެސް ގުޅުމެއްނެތެވެ.

ހަގީގަތުގައި އަމާރާ ވިސްނަމުން ދިޔައީ ޝައްޔާންގެ އެއްވެސް ހަބަރެއްނުވެ ދެ ދުވަސް ފާއިތުވެގެން ދިއުމުންނެވެ.

ރެއާއި އޭގެ ކުރީ ރޭ ފެނުނު 'ހުވަފެން' އަމާރާގެ ފިކުރުތަކަށް ގޯނާކުރަމުންދާކަން އެހެން މީހަކަށް އެނގޭކަށް، އަމާރާ ބޭނުމެއް ނޫނެވެ. 

ހުވަފެނުގައި ދިރިއުޅުމަށްއައި 'ޒަލްޒަލާގެ' އަސަރެއް ދުވަހެއްގައިވެސް އޭނާގެ ހަޔާތަށް ހަގީގަތުގައި އަތުވެދާނެކަމަށް އަމާރާގެ އަމިއްލަ ނަފުސުވެސް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ހުވަފެނަށްފަހު އުފެނުދު ބިރުވެރިކަމާއި ހާސްކަން ސިކުނޑިން ދުރަކަށް ނުދިޔަ އެވެ.

ދަރިފުޅުގެ ތަފާތުވެފައިވާ މިޒާޖު އެތައް ފަހަރަކު ފާހަގަކުރެވިފައިވީނަމަވެސް ފަރީހާ، އެކަމާއިމެދު މިހާތަނަށް ސުވާލެއް ނުކުރެ އެވެ. ނަމަވެސް މިއަދު އެ މަންމަގެ ހިތުގައި އޮއެވަރެއް އުފެދިއްޖެ އެވެ.

"އަމޫ.. ދަރިފުޅާ ހުރިހައި ކަމެއް ރަގަޅުތަ؟ ހާދަހައި ބޮޑު ފިކުރެއްގެތެރެއަށް ގެއްލިފައި އިންނަހެން މަންމައަށް އެބަހީވޭޔޭ..!" ލޯތްބާއި ކަންބޮޑުވުމާއެކު ފަރީހާ ސުވާލުކުރި އެވެ.

އަތުގައި އޮތް ފޯނަށް އަމާރާއަށް ބަލައިލެވުނެވެ. މަންމަގެ ސުވާލަށްވުރެން އަތުގައި އޮތް ފޯނު މުހިއްމު ވެއްޖެކަން ފަރީހާގެ ތަޖުރިބާއިން 

ފުރިފައިވާ ސިކުނޑި ދެނެގަތެވެ. 

"ހުރިހައި ކަމެއްވެސް ރަގަޅު މަންމާ.. މި ވިސްނަނީ، ޗުއްޓީ ނަގައިގެން އަޔަސް،  މުމްބާއީގައި އޮތް ކޮންފެރެސްއަކަށް އަޅުގަނޑު ބައިވެރިވާން ހަމަޖެއްސީމައި..!" އަމާރާގެ ޖަވާބު އަޑުއިވުނުއިރުވެސް ބަލަހައްޓައިގެން އިން ދިމާއިން ލޮލުގެ މިސްރާބު ބަދަލުނުވެ އެވެ.

އަމާރާއަށް ނޭގުނު އެއްޗަކީ އެޖަވާބަކީ މީގެ ދެދުވަސްކުރިންވެސް އޭނާގެ މަންމައާއި އަދި ކޮއްކޮއާއި ދެމީހުންނާވެސް ހިއްސާކޮށްފައިވާ 

'ބާ ވާހަކަ'އެއް ކަމެވެ. ރާފީއާއި މަންމަ ހިނިއައިސްފައި އަނގަމަތީގައި އަތް އެޅީ އަމާރާއާއި ދިމާކޮށްލުމަށް ތައްޔާރުވުމަށެވެ.

އަމާރާ އިށީންދެގެން އިން ސޯފާމައަށްޗަށް ރާފީ ފުންމާލާފައި، ދައްތަގެ އުނގުގައި ބޯ އަޅައިލުމާއެކު މޭދަށުގައި ދެއަތް ހުރަސްކޮށްފި އެވެ.

"އެ ކަމާތަ؟ ނޫނީ އެއަށްވުރެން މުހިއްމު އެހެން ކަމަކާތަ؟ މިސާލަކަށް....." ދިމާކުރުމުގެ ރާގުގައި ރާފީގެ ސުވާލުތައް ފެށުމާއެކު މަންމަގެ ހިނިގަނޑުގެ އަޑުން ގޭތެރޭގެ އުފާވެރިކަން ފަޅުފިލުވާލައިފި އެވެ. 

އެންމެ ގާތުގައި އޮތް ކުށަން ނަގާފައި ރާފީގެ ގައިގެ އެތަން މިތަނަށް އަމާރާގެ ހަމަލާތައް އަމާޒުކުރަންފަށައިފި އެވެ.

"ރާފީ....! ހުވާކޮށްފައި މިބުނަނީ..." އަމާރާ ބުނަން އުޅުނު އެއްޗެއް އަޑެއް ނީވުނެވެ. ކުރިމަތީގައި ހުރި ސައިޑްޓޭބަލް މަތީގައި އޮތް އޭނާގެ ފޯނަށް މެސެޖެއް އައި އަޑުން މުޅި ތަން ހިމޭން ވެއްޖެ އެވެ.

އަތުގައި އޮތް ކުށަން ހޫރުވާލާފައި އަމާރާ އަވަސްވެގަތީ، ރާފީއަށް ފެނުމުގެ ކުރިން އެ ފޯނު، މޭޒުމަތިން ނަގާފައި މެސެޖް ބަލާށެވެ.

މޭގެ ތެޅުމުގެ އަޑު އަމިއްލަ ކަންފަތާއި ހަމައަށްވެސް އިވެ އެވެ. މެސެޖްކޮށްފައިވަނީ ޝައްޔާން އެވެ.

ޝައްޔާން:ކޮންތާކު ތިހުރީ؟

އަމާރާ ހިތައްއެރި އެވެ. ހާދަ އަމުރުވެރި މެސެޖެކެވެ. ވީ ކިހިނެއް ހެއްޔެވެ؟

އަމާރާ: ގޭގައި! ކިހިނެއްވީ؟

ޝައްޔާން: ކަމް އައުޓްސައިޑް!

ހިތުގައި ޖަހަމުންދިޔަ ވިންދު އައްސިވެ، މީހާ ގަނޑުވި ކަހަލަ އެވެ. 

މިއީ މާލެއެއް ނޫނެވެ. ހުޅުމާލޭގައި ހުރި ޝައްޔާންގެ ލަގްޒަރީ އެޕާޓްމެންޓެއްވެސް ނޫނެވެ.

ބޭރަށް ނިކުންނާން އަމުރުކުރީ ކީއްވެ ހެއްޔެވެ؟

ކުއްލިޔަކަށް ހިޔާލަށް އައީ ދެ ރޭ ކުރިން ފެނުނު އާދަޔާ ހިލާފު ހުވަފެނެވެ.

ހަމައެވަގުތު އަމާރާގެ ދެ ލޯ، ދެ ކާށި ވަރަށް ބޮޑުވެ، އަނގަ ހުޅުވުނެވެ. ހިތަށް އެރި އެއްޗަކުން ދުވެފައި ގޮސް، ކުޑަދޮރު ހުޅުވާފައި ބެލްކަނިން ބޭރު ބަލައިލި އެވެ. ފެންނާން އޮތީ، ކަޅުކުލައިގެ އެސް ޔޫ ވީ އެކެވެ. ދައުރުވަމުންދިޔަ ލޭގެ ހިނނގުން ހުއްޓުނެވެ. ނޭވާހޮޅީގައި އޮކްސިޖަން ތާށިވި އެވެ. ލޯ ކުރިމަތީގައި އޮތީ މާލޭގައިވެސް ޝައްޔާން މިހާރު ބޭނުންކުރާ މޮޑެލްގެ ވެހިކަލެވެ.

"ނޯ ... ވޭ...!" އިހްތިޔާރުން ބޭރުން ވައި އަޑުން އަމާރާއަށް ބުނެވުނެވެ.

މަންމައާއި ކޮއްކޮ އެވަގުތު ފެންނާން ނެއްކަން އެއީ އަމާރާގެ ނަސީބެވެ. ސިއްރުސިއްރުން އަވަސް އަވަހަށް ގެއިން ބޭރަށް ނިކުތީ ނުހަނު ފަރުވާޓެރިވެގެންނެވެ.

ގެއިން ބޭރަށް އަމާރާ ނިކުތުމާއެކު، ކާރުގެ ކަޅު ބިއްލޫރި ޝައްޔާން ތިރިކޮށްލައިފި އެވެ. އެއްމިޔަކަނުން ހިނިއައިސްފައި، ލޮލުގައި އަޅައިގެން އިން ކަޅު އައިނު ތިރިކޮށްލާފައި ބަލައިލި އެވެ.

"މިސްޑް މީ، ޑޮކްޓަރ ފުށްގުޑީ..؟"

"މިތަނުގައި ޝައްޔާން ކީއްތިކުރަނީ؟" މޭދަށުގައި ދެއަތް ހުރަސްކޮށްފައި އަމާރާ ސުވާލުކުރި އެވެ.

"އަހަރެންގެ މަސައްކަތުގައި..!" ފާޅުގައި ޝައްޔާން ދޮގުހެދި އެވެ. އަމާރާގެ ދެ ލޮލުގެ ކަޅި އަނބުރައިލީ އެ ބުނި އެއްޗެއް ގަބޫލުނުކުރާތީ އެވެ.

"މިތަނުގައި އަހަރެންގެ މަސައްކަތްތައް މިވަގުތަށް ހަމަޖެހިފައި އޮތީމައި ހިތަށް އެރީ ކިހިނެއް ބާއޭ ވާނީ އަހަރެންގެ 'ސޯ-ކޯލްޑް ފްރެންޑް'ގެ ހާލެއް ބަލާލަން..  އޭނާ ދިއްލީއަށް އައިފަހުން އަހަރެންގެ ހާލެއް ބެލުމެއް ނެތް..! ދިރިހުރިތޯ ނޫންތޯ ބެލުމެއް ނެތް..! އަހަރެން ހުރީ ކައިގެން ތޯ ނޫންތޯ ބެލުމެއް ނެތް! ދެން ހިތަށް އެރީ، ދިއްލީގެ ހިއްގައިމު އާއިލާއަކުން މުއްސަނދި ރީތި ޒުވާނެއްގެ ހުށަހެޅުމެއް ލިބުނީކަމަށްވެސް ވެދާނެޔޭ..! އަހަރެންގެ ހައްގެއް އަހަރެންގެ އަތުން އެހެންމީހަކު ދަމަގަންނނާން އުޅޭކަމަށް އިހްސާސްކުރެވެންޏާއި ހަގީގަތް ބަލައިލާންވެސް ޒިޔާރަތްކުރާންވާނެދޯ...!" ޝައްޔާންގެ ޖަޒްބާތާއި އޭނާގެ އަޑުގައި ހުރި ނުތަނަވަސްކަމާއި ޖެހިލުންވުން އަމާރާއަށް ސިއްރެއް ނުވި އެވެ.

ކަނދުރާއިން ހީބިހިނެގީ އަމާރާގެ ހުވަފެން ލޮލުގެ ކުރިމަތީގައި އެނބުރިގަތީމަ އެވެ. ޝައްޔާން އެ ބުނި އެއްޗަކާއި ހުވަފެނާއި ގުޅުން ހުރީތީ އެވެ. އަމާރާގެ ހަޔާތަށް އެފަދަ ބޮޑު ބަދަލެއް ގެންނާން ހަގީގަތުގައި މިވަގުތު އޭނާ ތައްޔާރެއްވެސް ނޫނެވެ.

"ޝައްޔާން މަތިން އަހަރެން ހަނދާނެއް ނުނެތޭ!" އިތުރު އެއްޗެއް ބުނާކަށް އަމާރާ ބޭނުމެއް ނުވި އެވެ. ނަމަވެސް ޝައްޔާންގެ ތުހުމަތުގެ ސަބަބުން އޭނާގެ ހިތުގެ އެންމެ ހިމަނާރުގައިވެސް ވޭން ނާޅައޭ ބުނެފިނަމަ އެއީ ދޮގެކެވެ.

"އޯހހހ... ރިއަލީ..؟ ދެން ކީއްވެޔޯ ނުގުޅަނީ..؟ މެސެޖް ނުކުރަނީ ކީއްވެޔޯ؟" އަމާރާގެ ޖަޒްބާތުތަކަށް ޝައްޔާން ގޮންޖެހި އެވެ.

އެއްޗެއް ބުނަން އަނގަހުޅުވާލި އެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. ފެން ކަޅިވި ދެ ލޮލުން ދޭނެ އިތުރު މެސެޖެއްވެސް އަމާރާގެ ނެތެވެ.

"އެޑްމިޓް އިޓް! ޔޫ މިސްޑް މީ!" އަމާރާގެ ލޮލަށް ބަލަން ހުރެ ޝައްޔާން ބުނެލި އެވެ.

ބުނާން ހުރި އެއްޗެހި ގިނަ އެވެ. ނަމަވެސް އަމާރާ އިހްތިޔާރުކުރީ ހިމޭންކަމެވެ.

"ދިއްލީއަށް އައިސް މިހިސާބަށް އައީތީވެ، އަހަރެންގެ ގެއަށް ވަދެލަން ވީނުން!" މިއީ އަމާރާގެ މިފަދަ ދައުވަތެއްގެ ފުރަތަމަ ފަހަރެއް ނޫނެވެ.

"މީޓް ދި އިން-ލޯސް އޯލްރެޑީ؟ ސްލޯ ޑައުން، ފުށްގުޑި!" އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާން ބުނެލި އެވެ. 

"ކާރުން ފައިބާ..! އެހެން ނޫނީ އަހަރެން މިވަންނަނީ ގެއަށް!" މަގުމަތިން ފެނުނު ބައެއް އަވަށްޓެރިންގެ ބެލުންތައް އަމާރާއަށް ކަމުނުދިޔައީ އެވެ.

ޝައްޔާން އަމާރާގެ ގެއަށް އެންމެ ފަހަރަކު ވަނުން، އެންމެ ރަގަޅުވާނެކަމަށް އަމާރާގެ ހިތް ގަބޫލުކުރެ އެވެ. ނަމަވެސް އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ޝައްޔާން ކުރީ އިންކާރެވެ. 

"ނޯ، އައި ވިލް މީޓް ދެމް ލޭޓަރ.. އަހަރެން މިއައީ އަހަރެންގެ އަމާރާ ދެކިލާހިތުން..! އެހެން ކޮންމެވެސް ފަހަރަކުން އަމާރާގެ ފެމިލީއާއި ބައްދަލުކޮށްލާނަން..! ވަރަށް މުހިއްމުކަމެއް ވަރަށް ކުޑަ ވަގުތުކޮޅެއްގައި ނިންމަން ބޭނުން..! ވަގުތު ވަރަށް ކުޑަ!" އަމާރާގެ ލޮލަށް ބަލާލާފައި ޝައްޔާން ބުނެލި އެވެ. 

އެބުނެލުމާއި އަޑާއި ރާގުގައިވަނީ ފޮރުވިފައިވާ އިހްސާސެކެވެ. ބުނާނެ އެއްޗެއް ނޭގުނީ އަމާރާ އަށެވެ. 

"ޖަސްޓް ޓެލް މީ..! ޑޫ ޔޫ ޓްރަސްޓް މީ؟" ޖެހިލުންވެފައި ޝައްޔާން ސުވާލުކުރި އެވެ.

"އަމިއްލަ ނަފުސަށްވުރެން ބޮޑަށް!" ވިސްނާލަން ސިކުންތެއްވެސް އަމާރާ ބޭނުމެއް ނުވި އެވެ. އެއީ ހިތާއި ދޫ، އަދި އޭނާގެ ސިކުނޑިއާއި އަމިއްލަ ޒަމީރުގެ އަޑެވެ. ލިބުނު ޖަވާބުން ޝައްޔާންގެ ހިތް ފުރިއްޖެ އެވެ.  

"ކޮންމެފަދަ ކަމެއްގައި އަހަރެން އެދުނަސް، އަމާރާ ކޮށްދޭނަންތަ؟" މާނައިން ފުރިގެންވީ ސުވާލެކެވެ. ނަމަވެސް އެސްފިޔަ ޖަހައިލުމެއްނެތި އަމާރާގެ ޖަވާބު އިއްވާލި އެވެ.

"ޔެސް!" 

"އަހަރެންގެ މެސެޖަށް އިންތިޒާރުކުރާތި!"

ޝައްޔާންއަށްޓަކައި ކޮންމެ ކަމެއްކުރާންޖެހުނަސް  ލޮލުން ބޮލުން އަމާރާ ތައްޔާރެވެ. އެއްބަސްވެވުނީ ކިހައިވަރެއްގެ ކޮންފަދަ ކަމަކަށް ކަމެއްވެސް ނޭގެ އެވެ.

ނަމަވެސް ސާފު ޖަވާބު އިއްވައިފި އެވެ. އެކަކު އަނެކަކަށްޓަކައި ހިތާއި ނަފުސު ހަދިޔާކުރާންވެސް ތައްޔާރެވެ.

ނަމަވެސް އެދެމެދުގައިވަނީ 'ކޮން ގުޅުމެއްކަން' ދެމީހުންކުރެ އެކަކުވެސް ނިންމާފައެއް ނުވެ އެވެ.

ޔަގީންވަނީ އެއްކަމެކެވެ. ވަކިން ދިރިއުޅުމަކީ އުނދަގޫ ކަމެކެވެ. ފާއިތުވި މުއްދަތުގައި ދުރުގައި ހޭދަކުރެވުނު ކޮންމެ ދުވަހަކީ ދެމީހުންނަށްޓަކައި ތަކްލީފެކެވެ. ހިތުގެ އިހްސާސް، އަޅާނުލާ ދޫކޮށްލެވޭވަރަށްވުރެން ފުރާނައިގެ ޖަޒްބާތުތައް ބާރުގަދަ އެވެ.

....................

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އަމާރާގެ ނުތަނަވަސްކަން އިންތިހާ އެވެ. މަންމައާއި ކޮއްކޮއަށް ދޮގުހެދިއްޖެ އެވެ. މުމްބާއީއަށް ދިއުމަށް ރެއިލް ޓިކެޓްވެސް ލިބިއްޖެ އެވެ. ނަމަވެސް އެ ޓިކެޓަކީ 'އާއިލާއަށް ދަޅައެކެވެ' ހަގީގަތަކީ ދެމީހުންގެ 'ލޯންގް ޑްރައިވްއަކަށް' ޝައްޔާންގެ ވެހިކަލް އޮތީ ތައްޔާރަށެވެ.

އެކަމަކު، މިވަގުތު ދިމާވެފައި އެވަނީ ކުޑަކުޑަ މައްސަލައެއް ނޫނެވެ! (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް