އިނގިރޭސި ހެލްތު ސެކެޓްރީ މެޓް ހޭންކޮކް ވަނީ އެކަން އިއުލާން ކުރެއްވުމަށް ފަހު، ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ.
ހޭންކޮކް ވިދާޅުވީ އެންމެން ވެސް އުސޫލުތަކާ އެއް ގޮތަށް އަމަލު ކުރާ ނަމަ އިތުރު ލޮކްޑައުނަކަށް ނުގޮސް ހިފަހައްޓާލެވޭނެ ކަމަށެވެ.
އިނގިރޭސިވިލާތުގައި ފިޔަވަޅުތައް ހަރުކަށި ކުރުމަށް ވިސްނަމުން ދަނީ ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމުންނެވެ.
އެގޮތުން އިއްޔެ އެކަނިވެސް 4422 ޕޮޒިޓިވް ކޭސް އާއެކު 27 މީހަކު މަރުވެފައި ވެއެވެ.
ދިހަހާސް ޕައުންޑުގެ ޖޫރިމަނާއެއް ސެޕްޓެމްބަރު 28 އިން ފެށިގެން ތައާރަފް ކުރަން ހަމަޖެހިފައި ވާއިރު، ޕޮޒިޓިވްވާ މީހުންނާއި، އެމީހުންގެ ކޮންޓެކްޓުން އައިސޮލޭޓް ވާން ޖެހެ އެވެ.