ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ކޮވިޑުން އަރައިގަތުމަށް ބޭރުގެ އެހީތެރިކަން ބޭނުންވޭ: ރައީސް ސޯލިހް
ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑެތި ޤައުމުތަކުގެ އިޤްތިސޯދު ނަގަހައްޓައި ސިނާއީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުމަތައުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އ.ދ. އަށް 75 އަހަރު ފުރުމާއި ގުޅިގެން ބާއްވާ އިސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބައިނަލްއަޤްވާމީ ބޮޑެތި ކަންކަމުގައި ރާއްޖެއިން މަސައްކަތް ކުރަމުން އަންނަނީ ދުނިޔޭގެ އެހެންވެސް ގައުމުތަކާއި އެކު ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކާއި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ވެސް ބައިނަލްއަޤްވާމީ މުޖުތަމައާއި ގުޅިގެން މަސައްކަތް ކުރާކަން ފާހަގަކުރެއްވި އެވެ. 

ކޮވިޑް-19 އާއި ގުޅޭގޮތުން މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ އ.ދ.ގެ ޗާޓަރު ކަމަށެވެ. އަދި، ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އަމަލު ކުރަމުންދާ ސިޔާސަތުތަކަކީ، އެ ޗާޓަރުގައި އެކަށައަޅާފައިވާ އަސާސްތަކާއި އެއްގޮތަށް ކުރާ މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ދަނޑިވަޅުގައި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މަސައްކަތަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ މަސައްކަތް ކަމަށެވެ. އަދި ރާއްޖެ ފަދަ މި ބަލީގެ ނުރައްކާތެރިކަން ބޮޑެތި ޤައުމުތަކުގެ އިޤްތިސޯދު ނަގަހައްޓައި ސިނާއީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުމަތައުގެ އެހީތެރިކަން އަދި އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި، މިކަމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މި ފަދަ އެހެނިހެން މައްސަލަތަކާއި ކުރިމަތިލައި، އެ މައްސަލަތަކަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

ދިވެހިރާއްޖެއަށް ރަސްމީކޮށް އ.ދ.ގެ މެންބަރުކަން ލިބުނީ 1965 ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް